މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖްގެ ނަމުގައި އައު މުބާރާތެއް އިޢުލާނުކޮށްފިއެވެ. މި މުބާރާތަކީ މާލީ ހޭލުންތެރިކަމާއި އިސްލާމީ ފައިނޭންސްގެ ދާއިރާ ކުރިއެރުވުމަށް ބާއްވާ މުބާރާތެއް ކަމަށްވާއިރު، މީގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
މި މުބާރާތަކީ އެމްއެމްއޭއިން ފަށާފައިވާ ތަމްވީލް ފިންލެޓް ފެސްޓިވަލްގެ ބައެއްގެ ގޮތުގައި ބޭއްވޭ ހަރަކާތެކެވެ. ފެސްޓިވަލްގައި މި މުބާރާތުގެ އިތުރުން ފިންލެޓް ޗެލެންޖް، އިކޮންކުއެސްޓް ބަހުސް މުބާރާތް، ފިއުޗަރ ފައިނޭންސް މަޒުމޫނު މުބާރާތް، ވެލިއުސް އެންޑް ވިޝަން އާޓް މުބާރާތް އަދި ކުރު ވީޑިއޯ މުބާރާތް ހިމެނެއެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި މި މުބާރާތް ބެހިގެންވަނީ ދެ ގިންތިއަކަށެވެ. ފުރަތަމަ ގިންތި އަމާޒުކޮށްފައިވަނީ އިސްލާމީ ފައިނޭންސިންގ އަށް އައު ހައްލުތައް ހޯދުމަށެވެ. މި ގިންތީގައި ޒުވާނުންނާއި، ސްޓާޓްއަޕްތަކާއި، ދަރިވަރުންނާއި، މުދައްރިސުންނާއި އަދި އިޖްތިމާޢީ ވިޔަފާރިވެރިންނަށް ބައިވެރިވެވޭނެއެވެ.
މުބާރާތުގެ ފުރަތަމަ ގިންތީގައި 18 އަހަރުން މަތީގެ ވަކިވަކި ފަރުދުންނާއި 3 މެމްބަރުންގެ ޓީމްތަކަށް ބައިވެރިވެވޭނެއެވެ. ނަމަވެސް އެމްއެމްއޭގެ މުވައްޒަފުންނާއި ޕާޓްނަރުންނަކަށް ބައިވެރިއެއް ނުވެވޭނެއެވެ. މި ގިންތިން އެންމެ މޮޅު ފަރާތްތަކަށް 30,000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ލިބޭނެ ކަމަށާއި، އިތުރުން ފަންޑިންގ އަދި މެންޓަރޝިޕް ފުރުޞަތުތައްވެސް ލިބިދާނެއެވެ.
މުބާރާތުގެ ދެވަނަ ގިންތި އަމާޒުކޮށްފައިވަނީ "ދިރާސާއާއި ސިޔާސަތުގެ އަލީގައި ވަށައިޖެހޭ އިސްލާމިކް ފައިނޭންސް ނިޒާމެއް" މި މަޢުޟޫއަށެވެ. މި ބައިގައި ދިރާސާކުރާ ފަރާތްތަކާއި، ދާއިރާގެ ފަންނީ ތަޖުރިބާކާރުންނާއި އަދި މުއައްސަސާތަކަށް ބައިވެރިވެވޭނެއެވެ.