އެގޭގައި ދިރިއުޅެނީ މާމައާއި މަންމައާއި މަންމަގެ އަންހެން ދަރިފުޅުގެ ދެމަފިރިންނެވެ. އަންހެން ދަރިފުޅުގެ ފިރިމީހާއަކީ މެދުމިނުގެ ތަނަވަސް މީހެކެވެ. އެހެންކަމުން ދިރިއުޅެނީ ތަނަވަސްކަމުގައެވެ.
އެންމެންނަށް އުފާވެރިކަމުގައި ދިރިއުޅެވެން އޮތް ނަމަވެސް މަންމަ ކަންކަން ކުރާ ގޮތުން މާމައަށް އަބަދުހެން އިންނަންޖެހެނީ ރޮވިފައެވެ. މާމަ ނޫންވެފައި މުސްކުޅި އަންހެނަކާއިމެދުގައިވެސް ކަންކަން ކޮށްގެން ނުވާނެ ގޮތަށް ކަންކަން ކުރާތީއެވެ.
އެކަމަށް ވިސްނަމުންގޮސް އަންހެން ދަރިފުޅުގެ ކެތްތެރިކަން ކޮޅުންލީ ދުވަހު ބުންޏެވެ. "މަންމާއެވެ. ތިއައީ އަހުރެން ނުލާހިކު ލޯބިވާ މަނަމައެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އަހުރެން ހަނދާން ހުންނަން ފެށީންސުރެ މަންމައަށްވުރެ ގިނަ ކަންކަން އަހުރެންނަށް ކޮށްދީ ބަލަހައްޓައި ހެދީ މާމައެވެ. މާމަގެ މުޅި ޢުމުރު ދުއްވައިލީ ތިއަ މަންމައަށްޓަކައެވެ. މަންމައަށް ޚިދުމަތް ކުރުމުގައެވެ. އެކަމަކު މާމައާއިމެދު ތިއަ ކަންތައް ކުރަނީ ދުރުހިލޭ މުސްކުޅި އަންހެނަކާއި މެދުވެސް ކަންކަން ކުރަން ހެޔޮވާނެ ގޮތަކަށް ނޫނެވެ. ގެއަށް އެއްޗެތި ވައްދަނީ ފިރިމީހާއެވެ. މަންމައަށް ކުރަންޖެހޭ އެއްވެސް ޚަރަދެއްވެސް އޮތީއެއް ނޫނެވެ. އެކަމަކު މާމައަށް ރަނގަޅު އެއްޗެއްވެސް ކާންދެނީއެއް ނޫނެވެ.
މަނަމަގެ ތިއަ އަޚްލާޤް އަހުރެމެންގެ ދަރިފުޅަށް ދަސްކޮށްދޭކަށް ބޭނުމެއް ނޫނެވެ. އެހެންވީމާ އަހުރެމެން ދެމަފިރިން ގޮތް ނިންމައިފީމެވެ. އެއީ މާމަ ގޮވައިގެން މިގެއިން ދިއުމެވެ. ގެއިން ދިއަ ނަމަވެސް މަންމަގެ ޚަރަދުތައް ބަލަހައްޓާނަމެވެ."
ދަރިފުޅު ދެއްކި ވާހަކައިން މަންމައަށް ވަރަށް އަސަރުކުރިއެވެ. ރޮމުން މާމަގެ ކިބައިން މާފަށް އެދެން މަންމަ ގޮސް މާމަގެ ކޮޓަރި ދޮރުހުޅުވައި ބެލިއިރު މާފަށް އެދުމުގެ ފުރުޞަތު ވަނީ ގެއްލިފައެވެ. މާމަ ވަނީ ދުނިޔެ ދޫކޮށް ﷲ ގެ ރަޙްމަތަށް ދަތުރުކޮށްފައެވެ. ޢުމުރަކީ 68 އަހަރެވެ.
މާމަގެ ހަށިގަނޑު ޗެކްކުރި ޑޮކްޓަރުން ބުނެފައިވަނީ ލަފާކުރެވޭ ގޮތުގައި ހިތުގެ ބައްޔެއްގައި އުޅޭތާ ކިތަންމެ ދުވަހެކެވެ. ބައްޕައަކާއި ނުލައި އެކަނި ބަލައި ބޮޑުކުރި ދަރިފުޅުގެ ކަންކަން ހުންނަ ގޮތުން ބުރައެއް ނުޖައްސުވަންވެގެން ނުބުނެ ސިއްރުކުރީއެވެ.
މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިހުށަހެޅީ މާމަގެ މާމަދަރިފުޅެވެ. އުންމީދަކީ އަންހެންދަރިއަކަސް ފިރިހެން ދަރިއަކަސް މައިމީހާ ނިކަމެތިނުކުރުމެވެ. ހިތްޙަލާލް ނުލިބި މަރުވެއްޖެނަމަ ޤިޔާމަތް ދުވަހު ކަންކަން މެދުވެރިވާނެ ގޮތެއް ނުވެސް އެނގޭނެތީއެވެ.
- ވާޞިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް
--ޢިބްރަތްތެރި ވާހަކަ