ކޮންމެވެސް ކިޔައިލާތި!: ފިރިމީހާއާއި ބައްދަލުކުރުވަން އެންމެ ގާތް އެކުވެރިޔާ ފުރަތަމަ ފަހަރަށް ގެންދިއައިމަވެސް މަސައްކަތްކުރީ އަތުއަޅުވާލަން! މިވަރުން ކިހިނެއްތަ ދެން ހަދާނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ކޮންމެވެސް ކިޔައިލާތި!: ފިރިމީހާއާއި ބައްދަލުކުރުވަން އެންމެ ގާތް އެކުވެރިޔާ ފުރަތަމަ ފަހަރަށް ގެންދިއައިމަވެސް މަސައްކަތްކުރީ އަތުއަޅުވާލަން! މިވަރުން ކިހިނެއްތަ ދެން ހަދާނީ!

ދެމަފިރިންގެ ކައިވެންޏަށް 5 އަހަރުވީއިރުވެސް އަނބިމީހާގެ އެންމެ ގާތް އެކުވެރިޔާ ފިރިމީހާއަށް ތަޢާރަފްކޮށެއް ނުދެއެވެ. ޤަޞްދަކު ނޫނެވެ. އަދި ވަކި މަޤްޞަދެއް އޮވެގެނެއްވެސް ނޫނެވެ. ސަބަބެއް އޮތްނަމަ އެ ސަބަބަކީ އެބާވަތުގެ ކަންކަމަށް ފިރިމީހާ ސަމާލުކަން ނުދޭކަމެވެ.  

އެއްދުވަހަކު ހަވީރު އެންމެ ގާތް އެކުވެރިޔާއާއިއެކު ބާޒާރުކުރަން އުޅެމުން ފިރިމީހާގެ އޮފީސް ހުންނަ ހިށާބަށް ދެވުމުން އެކުވެރިޔާ ގޮވައިގެން ފިރިމީހާގެ އޮފީހަށް ގޮސް ތަޢާރަފްކޮށްދިނެވެ. ފިރިމީހާ ހިނިތުންވެލައި ސަލާމްކޮށް ހެޔޮދުޢާކުރިއެވެ.  

ބުންޏެވެ. "ދެމީހުން ބައްދަލު ނުވިޔަސް ފޯނުން ތިއަ 2 އެކުވެރިން ވާހަކަދައްކާއަޑުއަހަމެވެ. އަހުރެންގެ އަނބިމީހާއަކީ ވަރަށް ދީލަތި އަންހެނެކެވެ. އެކަމަށް އުފާކުރަމެވެ." ނުސީދާ ގޮތަކަށް ފިރިމީހާ އެބުނީ އޭނާގެ އަނބިމީހާ، އެންމެ ގާތް އެކުވެރިޔާއަށް އެހީތެރިވެދޭކަން އެނގޭކަމަށެވެ.  

އެހިސާބުން އޮފީހުގެ އެހެން މުވައްޒިފުންނާއި ބައްދަލުކޮށްލަން އަނބިމީހާ ކޮޓަރިން ނުކުތެވެ. އިރުކޮޅަކުން އެނބުރި އައިސް ދޮރުހުޅުވުމުގެ ބަދަލުގައި ދެމީހުން ދައްކާ ވާހަކަ އަޑުއަހަން ދޮރުފަތުގައި ކަންފަތްޖަހައިލިއިރު އެންމެ ގާތް އެކުވެރިޔާ ބުނެއެވެ. "އެކުވެރިންނަށް ޚަރަދުކުރުމުގެ ނަމުގައި ކަލޭގެ އަތުން ފައިސާ ހޯދައިގެން އަނބިމީހާ ކުރާ ކަމަކީ އެފައިސާ ޖަމާކުރުމެވެ. އަހުރެންނާއި ކައިވެނިކޮށްފިނަމަ ކަލޭގެ ތަނަވަސްކަން އިތުރުކޮށްދޭނަމެވެ." 

ފިރިމީހާ ބުންޏެވެ. "ބަލަ ތިއައީ ތެދެއްނަމަ ކަލެއަކަށްވެސް ފައިސާއެއް ނުލިބުނީހެއް ނޫންހެއްޔެވެ؟ އަނބިމީހާ ހުރިހާ ކަމެއް ކުރަނީ އޮފީހުން ބަލަހައްޓާ އެކައުންޓަކުންނެވެ. ވީމާ ތިހެދީ ހުސް ދޮގެވެ.  

ދެން އޮތީ ކަލޭގެ ރީތިކަމަށް އަމިއްލައަށް ތިއަކުރި ތަޢްރީފެވެ. އަނބިމީހާއަށްވުރެ ކަލޭ މާރީތިކަމަށް ތިއަކުރާ ދަޢުވާއަށް އެއްޗެއް ބުނާކަށް ނެތީމެވެ. ކަލެއާ ގުޅޭތަނުން ކަލެއަށްވުރެ މާރީތި އަންހެނަކު ފެންނައިރަށް ޖެހޭނީ ކަލޭވެސް ވަރިކުރަން ނޫން ހެއްޔެވެ؟ ބުނަންހެއްޔެވެ؟ މިއީ އަހުރެންނާއި ބައްދަލުވި ފުރަތަމަ ފަހަރެވެ. އަދި ބައްދަލުވާނެ ފަހު ފަހަރުވެސްމެއެވެ. އަނބިމީހާ ދެން ކަލެއަކާ ބައްދަލެއްވެސް ނުކުރާނަމެވެ. ތިއަ ދެއްކި ހުރިހާ ވާހަކަތަކެއް ކިޔައިދޭނަމެވެ. ރެކޯޑިންގވެސް އިއްވާނަމެވެ. އެހެންވީމާ ދެންވެސް އަވަހަށް މިތަނުން ނުކުމެގެންދާށެވެ."  

އެހިސާބުން އަނބިމީހާ ދޮރުހުޅުވާލާފައި އެތެރެއަށް ވަދެ ބުންޏެވެ. "ރެކޯޑިންގ އިއްވާނެ ކަމެއް ނެތެވެ. އަޞްލު އަޑުއަހައިފީމެވެ. މިހިސާބުން ދެމީހުންގެ ގުޅުން މިނިމުނީއެވެ. ފިރިމީހާ އެބުނި ގޮތަށް ދެންވެސް އަވަހަށް ނުކުމެގެންދާށެވެ. އެހީގެ އިތުރުން އަނބުރާ ދައްކަން ދިން 50،000 ރުފިޔާ ކުރިން ހުރީ މާފުކުރަން ނިންމައިގެންނެވެ. ދެން މާފެއް ނުކުރާނަމެވެ. ޖެހޭނީ ދައްކާށެވެ. ތިއައީ ސިފަ ކިތަންމެ ރީތިނަމަވެސް އިންސާނެއް ނޫނެވެ. އިންސާނެއް ނަމަ މިހައި ރަނގަޅަށް ކަންކަން ކޮށްދެމުން ދަނިކޮށް ފިރިމީހާ ޖަހައިގަންނާކަށް ނުއުޅޭނެއެވެ." 

އެންމެ ގާތް އެކުވެރިޔާއަށް ޖެހުނީ ހަތަރު އުދަރެސް ފެނުޖެހިހުރެގެން ރޮމުން ނުކުމެގެންދާށެވެ. ތަނަވަސް މީހަކާ ގުޅެން މަސައްކަތްކުރީމާ އެކަންވެސް ކާމިޔާބުނުވިތަނުގައި ބުނާ ހުރިހާ ކަމެއް ކޮށްދެމުން އައި އެކުވެރިޔާވެސް ގެއްލުނިތީއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިކިޔައިދިނީ އެފިރިމީހާގެ ގާތުގައި މަސައްކަތްކުރާ އަދި އެދެމަފިރިންގެ ކަންކަން ވަރަށް ގާތުން އެނގޭ މުވައްޒިފެކެވެ. އެދެމަފިރިންނަކީ ހުރިހާ ގޮތަކުންވެސް ވަރަށް ރަނގަޅު އަދި މީހުންނަށް ވަރަށް ހެޔޮ ދެމަފިރިންނެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން