އެންސްޕާގެ ޚަރަދުތަކުގެ ތެރެއިން ނުދައްކާ އޮތް 1.3 ބިލިޔަން ރުފިޔާ މިސަރުކާރުން ދައްކައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އެންސްޕާގެ ޚަރަދުތަކުގެ ތެރެއިން ނުދައްކާ އޮތް 1.3 ބިލިޔަން ރުފިޔާ މިސަރުކާރުން ދައްކައިފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވާލި ޞިއްހީ ވެލްފެއަރގެ ޚިދުމަތް ދިނުމުގެ ނިޒާމުގައި ހުރި މައްސަލަތައް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، އެންސްޕާގެ ޚަރަދުތަކުގެ ތެރެއިން ނުދައްކާ އޮތް 1.3 ބިލިޔަން ރުފިޔާ މިހާރުގެ ސަރުކާރުން ދައްކާ ޚަލާސްކޮށްފިއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފާމަސީތަކާއި ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް އާސަންދައިން 1.1 ބިލިޔަން ރުފިޔާ ނުދައްކާ އޮތެވެ. މީގެ އިތުރުން އެންސްޕާއިން ދައްކަންޖެހޭ ފައިސާގެ ތެރެއިން 491 މިލިޔަން ރުފިޔާވެސް ނުދައްކާ އޮތްކަމަށް ވެއެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އާސަންދައިން އޭޑީކޭ ހޮސްޕިޓަލަށް އެކަނިވެސް ދައްކަންޖެހޭ ފައިސާގެ ޢަދަދު 251 މިލިޔަން ރުފިޔާއަށް އަރައެވެ. އަދި އާސަންދައިން ދައްކަންޖެހޭ ފައިސާ އަމިއްލަ ހޮސްޕިޓަލުތަކަށް ދައްކާފައިނުވުމުގެ ސަބަބުން، އެ ހޮސްޕިޓަލްތަކުން ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން 2023 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހާ ހަމައަށް، އެންސްޕާއިން 1.5 ބިލިޔަން ރުފިޔާ ދައްކަންޖެހޭކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ވެރިކަން ބަދަލުވިއިރު ނުދައްކާ އޮތް ފައިސާއާއި މި ދައުރުގައި ދައްކަންޖެހުނު ފައިސާގެ ތެރެއިން ޖުމުލަ 1.3 ބިލިޔަން ރުފިޔާ މިހާރު ވަނީ ދައްކާ ނިންމާފައެވެ.

މިއަދު އޮންލައިން