އުރީދޫގެ ނޭޝަން އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް ގައި ކަސްޓަމްސް ވިދާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
އުރީދޫގެ ނޭޝަން އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް ގައި ކަސްޓަމްސް ވިދާލައިފި

އުރީދޫ ނޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. މި މުބާރާތް ކުރިއަށް ގެންދިޔައީ މި މަހުގެ 7 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތުގައި ރާއްޖޭގެ އެކި އޮފީސްތަކުން ބައިވެރިވި ޓީމުތަކުން ވާދަކުރީ ދުނިޔޭގެ އެންމެ މަޤްބޫލު ތިން ގޭމެއް ކަމަށްވާ ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ ގައެވެ. މުބާރާތުގައި އީއޭއެފްސީ ގައި 20 ކުންފުންޏަކުން 47 ކުޅުންތެރިން، އެމްއެލްބީބީ ގައި 5 ކުންފުންޏަކުން 9 ޓީމުގެ 63 ކުޅުންތެރިން، އަދި ޕަބްޖީ މޮބައިލްގައި 9 ކުންފުންޏަކުން 11 ޓީމުގެ 52 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މި މުބާރާތުގައި ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ޕަބްޖީ މޮބައިލްގައި 3 ވަނަ ހޯދުމާއެކު 2،000 ރުފިޔާގެ ފައިސާގެ އިނާމު، އެމްއެލްބީބީ ގައި 2 ވަނަ ހޯދުމާއެކު 3،000 ރުފިޔާގެ އިނާމު، އަދި އީއޭއެފްސީ ގައި ޖަނާން މުހައްމަދު 1 ވަނަ ހޯދުމާއެކު 5،000 ރުފިޔާގެ އިނާމު ވަނީ ހޯދާފައެވެ.

އުރީދޫ ނޭޝަނުން ދެވަނަ ފަހަރަށް އިންތިޒާމުކުރި މި މުބާރާތަކީ ރާއްޖޭގައި އީސްޕޯޓްސްގެ މައިދާން ތަރައްޤީކޮށް، ކޯޕަރޭޓް ދާއިރާގައި އީސްޕޯޓްސްގެ މަޤްބޫލުކަން އިތުރުކުރުމަށް މަގުފަހިކޮށްދިން މުހިންމު މުބާރާތަކަށް ވެގެން ދިޔައެވެ. މީގެއިތުރުން މި މުބާރާތުގެ ސަބަބުން ކުންފުނިތަކުގެ މެދުގައި އެކުވެރިކަމާއި ޓީމް ސްޕިރިޓް އިތުރުވެ، ޑިޖިޓަލް މުނިފޫހިފިލުވުމުގެ އުފެއްދުންތެރި ފުރުސަތުތައް ފަހިވެގެން ދިޔަކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން