ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ޕްރޮގްރާމްތަކެއް ޏ.ފުވައްމުލަކު ސިޓީގައި ފަށައިފިއެވެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން ކުރިއަށްގެންދާ މި ޕްރޮގްރާމުތަކުގެ ތެރޭގައި އުކަފާރަ ޕްރޮގްރާމާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލާ ފާސްކުރާ ޕްރޮގްރާމެއް ހިމެނެއެވެ.
އެގޮތުން އުކަފާރަ ޕްރޮގްރާމް މި މަހުގެ 14 އިން 16 އަށް ކުރިއަށް ގެންގޮސްފައިވާއިރު، ފުވައްމުލަކު ސިޓީގެ ކައުންސިލް މެންބަރުންނަށް ޚާއްސަކޮށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލާ ފާސްކުރުމާއި ގުޅޭ ތަމްރީން ޕްރޮގްރާމެއް މިމަހު 17 އިން 18 އަށް ވަނީ ކުރިއަށް ގެންގޮސްފައިވެއެވެ.
އުފަކާރަ ޕްރޮގްރާމަކީ ކާބޯތަކެތި އުފައްދާ ތައްޔާރު ކުރާ ފަރާތްތައް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުމަށް 2017 އިން ފެށިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ކާބޯތަކެތި ރައްކާތެރި ގޮތުގައި އުފައްދާ، ތައްޔާރު ކުރުމާއި އެތަކެތީގެ ފެންވަރު މަތި ކުރާނެ ގޮތްތަކާ ގުޅޭ ތަމްރީން ދިނުމުގެ އިތުރުން ކާބޯތަކެއްޗާއި ގުޅޭ ގަވާއިދުތަކާއި މިންގަޑުތަކަށް އަހުލުވެރި ކުރުވުން ހިމެނެއެވެ.
ހަބަރު: ސަރުކާރު