ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4،000 ފްލެޓަށް މީހުން ދިރިއުޅުން ބަދަލުކުރަން ފެށުމުގެ ކުރިން، އެ ސަރަހައްދުގައި ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިކަން ހާމަކުރަމުން ބުނެފައިވަނީ، ފްލެޓްތަކަށް މީހުން ބަދަލުވާން ފެށުމުގެ ކުރިން، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މި ވަގުތު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި 4،000 ފްލެޓް ހިމެނޭ ޓަވަރުތައް ހުރި ސަރަހައްދުގައި އެއްވެސް ބަޔަކު ދިރިނޫޅޭތީ، އެ ސަރަހައްދުގައި ބަސް ސްޓޮޕްތަކެއް ގާއިމްކޮށްފައެއް ނުވެއެވެ. ނަމަވެސް ހިޔާ ޓަވަރުތަކާއި ދެވަނަ ފިޔަވަހީގައި ހުރި އެހެނިހެން ފްލެޓްތައް ކައިރީގައި ބަސް ސްޓޮޕްތައް ވަނީ ގާއިމްކޮށްފައެވެ.
އެޗްޑީސީން އިތުރަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މިގޮތުން މިހާތަނަށް 1،200 އަށްވުރެ ގިނަ ފަރާތްތަކާއެކު އެއްބަސްވުންތައް ވަނީ ހަދާފައެވެ.