ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީޤް ހުށަހެޅުއްވި އިސްލާހު މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މި އިސްލާހަކީ ޕޭމަންޓް ސިސްޓަމްތައް ހިންގުމަށާއި، ޕޭމަންޓް ޚިދުމަތްތައް ދިނުމުގެ ބޭނުމަށް ކުންފުންޏާއި އެނޫންވެސް ޤާނޫނީ ޝަޚުސުތައް އުފެއްދުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބިދިނުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލެކެވެ. މީގެ އިތުރުން، ޕޭމަންޓް ޚިދުމަތްތައް ސޮލިސިޓްކުރުން މަނާކޮށް، އެކަމަށް އަދަބު ކަނޑައެޅުމާ ބެހޭ އުޞޫލުތައްވެސް މި ބިލުގައި ހިމަނާފައިވެއެވެ.
އިސްލާހު ކުރެވުނު ޤާނޫނުގެ ދަށުން، ޕޭމަންޓް ސިސްޓަމެއް ހިންގުމަށް ނުވަތަ ޕޭމަންޓް ޚިދުމަތެއް ދިނުމަށްޓަކައި ޙިއްސާދާރެއްގެ ނުވަތަ ޕާޓްނަރެއްގެ ހައިސިއްޔަތުން ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ޖޮއިންޓްވެންޗަރއެއް އުފެއްދުމުގެ ބާރު އެމްއެމްއޭއަށް ލިބިގެންދާނެއެވެ. މިއީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައި އެމްއެމްއޭއަށް ލިބިދީފައިނުވާ ބާރެކެވެ.
މި ބިލުގައި ޕޭމަންޓް ސިސްޓަމްތައް ސޮލިސިޓްކުރުމާއި ގަވައިދާ ޚިލާފަށް މާލީ މުޢާމަލާތްތައް ހިންގުން ކުށްވެރިކޮށް، އެކަމަށް އަދަބު ކަނޑައަޅާފައިވެއެވެ. އެގޮތުން، އެމްއެމްއޭއިން އިސްތިސްނާކޮށްފައިވާ ފަރާތްތަކާއި ހަރަކާތްތައް ފިޔަވައި، އެހެން އެއްވެސް ފަރާތަކުން އޮތޯރިޓީގެ ލައިސަންސް ނުވަތަ ހުއްދަ ނެތި ޕޭމަންޓް ޚިދުމަތެއް ދިނުމާއި ސޮލިސިޓްކުރުން މަނާކުރެއެވެ.
އަދި ޚާއްސަކޮށް ފާހަގަކޮށްފައިވާ ގޮތުގައި، އިސްތިސްނާކުރެވޭ ފަރާތްތައްވެސް ހިމެނޭހެން، ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކުން ޕޭމަންޓް ޚިދުމަތެއް ސޮލިސިޓްކުރުން މަނާކުރެއެވެ. މި ޤާނޫނާ ޚިލާފުވާ ފަރާތްތައް 1 ލައްކަ ރުފިޔާއިން ފެށިގެން 10 މިލިޔަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެކަން ބިލުގައި ބަޔާންކޮށްފައިވެއެވެ.