ލައިސަންސް ނެތި އިންޝުއަރެންސް ވިޔަފާރިކުރާނަމަ 5 މިލިޔަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރާ ބިލު، ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ލައިސަންސް ނެތި އިންޝުއަރެންސް ވިޔަފާރިކުރާނަމަ 5 މިލިޔަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރާ ބިލު، ފާސްކޮށްފި

އިންޝުއަރެންސް ވިޔަފާރި ކުރުމުގެ ލައިސަންސް ނެތި އެފަދަ ވިޔަފާރިއެއް ކުރާ ފަރާތްތައް 5 މިލިޔަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް އެކުލަވާލާފައިވާ އިންޝުއަރެންސާ ބެހޭ ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު ޠާރިޤް އިބްރާހިމް މަޖިލީހަށް ހުށަހެޅުއްވި މި ބިލަކީ ދިވެހިރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާގެ ފެންވަރު ހިފެހެއްޓުމަށް އެކުލަވާލާފައިވާ ބިލެކެވެ. މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން، އިންޝުއަރެންސް ވިޔަފާރިތައް ހިންގުމުގެ ހަރުދަނާ އަދި ރައްކާތެރި އުސޫލުތަކެއް އެކަށައެޅި، އެ އުސޫލުތަކާ އެއްގޮތަށް ވިޔަފާރިތައް ހިންގާތޯ ބެލޭނެއެވެ.

މި ބިލުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އިންޝުއަރެންސް ޕޮލިސީ ނަގާ ފަރާތްތަކުގެ ޙައްގުތައް ރައްކާތެރިކުރުމާއި، އިންޝުއަރެންސްގެ ދާއިރާ ތަރައްގީކޮށް، ވާދަވެރިކަން އިތުރުކުރުން ހިމެނެއެވެ. އަދި ރާއްޖޭގެ އިންޝުއަރެންސް ދާއިރާއަކީ އާންމުންގެ ބޭނުންތަކާ އެއްގޮތަށް ޚިދުމަތްތައް ފޯރުކޮށްދޭ، އަދި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ދާއިރާއެއްގެ ގޮތުގައި ހެދުމަށްވެސް މި ބިލުން މަގުފަހިކޮށްދެއެވެ.

ބިލުގައިވާ ގޮތުން، އިންޝުއަރެންސް ޤާނޫނު ހިންގައި ތަންފީޒުކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ. އެމްއެމްއޭއިން އިންޝުއަރެންސް ވިޔަފާރިތަކާއި އިންޓަރމީޑިއަރީތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރާނެއެވެ. އަދި ލައިސަންސް ނެތި ވިޔަފާރިކުރާ ފަރާތްތައް 100,000 ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު އެމްއެމްއޭއަށް ލިބިގެންދާނެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދު އޮންލައިން