މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ހަތަރު ލޭނަށް ބަދަލުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެމަގުގެ އެއްފަޅި މިއަދުން ފެށިގެން ބަންދުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިކަން އިޢުލާންކޮށް ބުނެފައިވާ ގޮތުގައި، ދަތުރުވެރިންގެ މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މަގުގެ އެއްފަޅި އަންނަ އޮކްޓޯބަރު 13 ވަނަ ދުވަހާ ހަމައަށް ބަންދުކުރެވޭނެއެވެ. އަދި އެފަޅީގެ ފަޅުވެސް ބަންދުވާނެކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ މިއަހަރުގެ ފެބުރުއަރީ 27 ވަނަ ދުވަހުއެވެ. އަދި މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރެވުނީ އޭޕްރީލް 9 ވަނަ ދުވަހުއެވެ.
މާލޭގެ އުތުރު ފަރާތު ބޭރު މަގަކީ ސަރުކާރާއި އާންމު ފަރާތްތަކުގެ މުހިންމު ގިނަ އޮފީސްތަކާއި، ބޭންކުތަކާއި ފިހާރަތައް ހުރި، އަދި މާލެއަށް ލަފާފުރުމުގައި މުހިންމު ދައުރެއް އަދާކުރާ ސަރަޙައްދަކަށް ވުމާއެކު، އެއީ ވަރަށް ކާރޫބާރޫ ބޮޑު ސަރަހައްދެކެވެ. މި މަޝްރޫޢުގެ ދަށުން މަގު ތަރައްޤީކުރުމުގެ މަސައްކަތަށް ބޭނުންވާ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާފައެވެ.
ކައުންސިލުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ކާރޫބާރޫ ބޮޑުވާ ވަގުތުތަކުގައި މަސް މާރުކޭޓު ސަރަހައްދުގެ މަގުވެސް ޓްރެފިކަށް ބަންދުކުރެވޭނެއެވެ. މި މަސައްކަތުގެ ސަބަބުން ދަތުރުފަތުރަށް އަންނާނެ ބަދަލުތަކަށް ސަމާލުވުމަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.