ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢުގެ ދަށުން ރަސްމާލެއިން މިހާތަނަށް 129.60 ހެކްޓަރުގެ ބިން ވަނީ ހިއްކައި ނިންމާފައެވެ. މިއީ މުޅި މަޝްރޫޢުގެ 12.84 އިންސައްތައެވެ.
ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ފުށި ދިއްގަރު ފަޅުން 1009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު ހިއްކާފައިވާ ސަރަހައްދަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ހާ ބޮޑު ސަރަހައްދެކެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ފުރަތަމަ ކުރިއަށް ގެންދިޔައީ 11 ސަރަހައްދަކަށް ބަހާލައިގެން ދެ ކުންފުންޏަކުންނެވެ. އެއީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ އާއި މޯހަން މުތާ އެކްސްޕޯޓްސް އެވެ. ނަމަވެސް މަސައްކަތް އަވަސްކުރުމުގެ ގޮތުން މިމަހު ތެރޭގައި ވަނީ ޗައިނާގެ ހާބަރ އިންޖިނިއަރިން ކުންފުންޏާވެސް މަސައްކަތް ހަވާލުކޮށްފައެވެ.
އެޗްޑީސީން މައުލޫމާތު ދެއްވާ ގޮތުގައި، ޗައިނާގެ ކުންފުނިން ސައިޓް މޮބިލައިޒްކޮށް ބިން ހިއްކުމަށް ބޭނުންވާ ބަނޑު ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަރ ރާއްޖެ އައިސްފައިވާއިރު، މި ހަފްތާގެ ތެރޭގައި އިތުރު ސަރަހައްދުތަކުން ބިން ހިއްކުމުގެ މަސައްކަތް ފެށޭނެއެވެ. މި ކުންފުނިން ރަސްމާލޭގެ ސައިޓް "ސ" އަދި "އީ" އިން 265 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ރަސްމާލެ އެއްކޮށް ހިއްކާ ނިމުމުން، ހުޅުމާލޭގެ ތިން ފިޔަވަހި ހާ ބޮޑުވާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި ސަރަހައްދު ހިއްކަނީ ހުޅުމާލެއަށް ވުރެ 2.5 މީޓަރު އުސްކޮށް ކަން ފާހަގަކޮށްފައިވެއެވެ.