މިދިޔަ ހަފްތާގައި މިފްކޯއިން މަސްވެރިންނަށް 6.7 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ. މިއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު 70.6 އިންސައްތައިގެ އިތުރުވުމެކެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާގައި 165 ދޯންޏަކުން މަސް ކިރުވާފައިވެއެވެ. މިއީ އޭގެ ކުރީ ހަފްތާގައި މަސްކިރުވި 125 ދޯންޏާ އަޅާބަލާއިރު ފާހަގަކޮށްލެވޭ އިތުރުވުމެކެވެ.
އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވުމާ ގުޅިގެން މަހަށް ނުކުތް ދޯނިތަކުގެ އަދަދު މަދުވެފައިވީ ނަމަވެސް، މިދިޔަ ހަފްތާގައި މަސްވެރިކަމުގެ ހަރަކާތްތައް ވަނީ އާންމު ފެންވަރަށް އަނބުރާ ރުޖޫއަވެފައެވެ.
މިފްކޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކުރެވުނީ ހޮނިހިރު ދުވަހުއެވެ. އެދުވަހު 35 ދޯންޏަކުން މަސްކިރުވާފައިވާއިރު، އެ ދޯނިތަކަށް ޖުމްލަ 1.53 މިލިޔަން ރުފިޔާ ދޫކުރެވުނެވެ.
އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކުރެވުނީ 3.9 މިލިޔަން ރުފިޔާއެވެ. މިދިޔަ ހަފްތާގައި މަސްވެރިންނަށް ދޫކުރެވުނު ފައިސާގެ އަދަދު އިތުރުވެފައިވަނީ މަސްކިރުވި ދޯނިތަކުގެ އަދަދާއި މަހުގެ މިންވަރު އިތުރުވުމާ ގުޅިގެންނެވެ.