ވާޓްސިލާ އިންޖީނުގެ ތެރެއިން އެއް އިންޖީނުން ދެ ލައްކަ ގަޑިއިރަށް ކަރަންޓު ފޯރުކޮށްދީފި: ސްޓެލްކޯ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ވާޓްސިލާ އިންޖީނުގެ ތެރެއިން އެއް އިންޖީނުން ދެ ލައްކަ ގަޑިއިރަށް ކަރަންޓު ފޯރުކޮށްދީފި: ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ހިދުމަތުގައި ހުންނަ ވާޓްސިލާ އިންޖީނުގެ ތެރެއިން އެއް އިންޖީނުން ދެ ލައްކަ ގަޑިއިރަށް ކަރަންޓު ފޯރުކޮށްދީފިއެވެ. މިއީ އެ ކުންފުނިން ހާސިލުކުރި އެންމެ މުހިންމު އެއް ކާމިޔާބީ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިން މިކަމާ ގުޅޭ ގޮތުން ހާމަކުރި މަޢުލޫމާތުގައި ބުނެފައިވަނީ މި ކާމިޔާބީއިން ދައްކުވައިދެނީ ސްޓެލްކޯއާއި ވާޓްސިލާގެ ދެމެހެއްޓެނިވި ޕާޓްނަޝިޕްގެ ހަރުދަނާކަމާއި، އެކުންފުނީގެ ޖެނެރޭޝަން އެސެޓްތަކުގެ އާދަޔާ ހިލާފު ޕާފޯމަންސް ކަމަށެވެ.

1990 ވަނަ އަހަރު ފެށި ވާޓްސިލާގެ ކަރަންޓު އުފެއްދުމުގެ ޓެކްނޮލޮޖީއަށް ސްޓެލްކޯއިން ކުރި އިންވެސްޓްމަންޓުގެ ދަށުން ބަހައްޓާފައިވާ މި އިންޖީނު މެދުކެނޑުމެއްނެތި ހިނގަމުންދާތާ 30 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ސްޓެލްކޯގެ ފްލީޓްގައި ހިމެނޭ އިތުރު ވާޓްސިލާ އިންޖީނެއް ވެސް މި މުހިންމު ކާމިޔާބީ ހާސިލްކުރަން ކައިރިވެފައިވާ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މި ކާމިޔާބީއާ ގުޅޭ ގޮތުން ސްޓެލްކޯގެ ޗީފް ޓެކްނިކަލް އޮފިސަރު އަހްމަދު އިގްބާލް ވިދާޅުވެފައިވަނީ، "މި މުހިންމު ކާމިޔާބީގައި، ވާޓްސިލާގެ ދުރުވިސްނުމުގެ ލީޑަޝިޕާއި، ސާބިތުކަމާއެކު އެއްބާރުލުމާއި، މިހާރު ކުރިއަށްދާ އިރުޝާދާއި، އަގުހުރި ފަންނީ އެހީތެރިކަމަށް ޓަކައި ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން" ކަމަށެވެ.

އަހްމަދު އިގްބާލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސްޓެލްކޯގެ ޓެކްނިކަލް ޓީމުން މި ފާހަގަކޮށްލެވޭ ކާމިޔާބީ ހާސިލުކުރުމުގައި ދެއްކި ކެތްތެރިކަމާއި، ޕްރޮފެޝަނަލިޒަމާއި، އެއްބާރުލުމަކީ ޚާއްސަކޮށް ފާހަގަކޮށްލަންޖެހޭ ކަމެކެވެ. މި ކާމިޔާބީއަކީ ރާއްޖޭގެ ކަރަންޓުގެ ޚިދުމަތުގެ ދާއިރާގައި ހާސިލުކުރެވުނު މުހިންމު މައިލްސްޓޯނެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން