ދަރަންޏެއް ދެއްކޭނެ އެއްވެސް ގޮތެއް ނެތިގެން ހުކުރުދުވަހުގެ އަޞުރު ފަހުން ދުޢާކުރީމާ ވަގުތުން ދުޢާ އިޖާބަކުރެއްވެވި ހާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ދަރަންޏެއް ދެއްކޭނެ އެއްވެސް ގޮތެއް ނެތިގެން ހުކުރުދުވަހުގެ އަޞުރު ފަހުން ދުޢާކުރީމާ ވަގުތުން ދުޢާ އިޖާބަކުރެއްވެވި ހާދިސާއެއްގެ ވާހަކަ-

މިއި އަހަރެންގެ ވަރަށް ގާތް އުޚުތަކަށް ދިމާވެފައިވާ ހަޤީޤީ ހާދިސާ އެކެވެ. އޭނާ މިވާހަކަ ފަށަމުން ބުންޏެވެ. ހުކުރު ދުވަހުގައި ދުޢާ އިޖާބަކުރެވޭ ވަގުތެއް ވާކަން އެނގޭހެއްޔެވެ. އަދި އެވަގުތު ކަނޑަ އެޅިގެން އެނގެން ނެތް ނަމަވެސް ބޮޑަށް ބެލެވެނީ އެއީ އަޞުރުނަމާދުގެ ގެ ފަހުން ކަމެވެ. އަހަރެންނަށް ދިމާވީ ކަމެކެވެ. މީގެ ކަމުގެ ސަބަބުން ނޫންކަމެއްވެސް ނޭންގެއެވެ. އަހަރެން ގެ ވާހަކަ އަޑުއަހާށެވެ. 

އެއީ ހުކުރު ދުވަހުގެ ހެނދުނު ވަގުތެކެވެ. ފިރިމީހާ އަހަރެންގެ ގާތުގައި ބުންޏެވެ. ވަރަށް ދެރަ ކަމެއް ވެއްޖެއެވެ. ކޮމްޕެނީގެ މީހަކަށް ދޭންޖެހޭ ފައިސާއެއް އެކައުންޓްގައި ހުއްޓާ ލޯނަށް ކަނޑާލާފިއެވެ. އޭނައަށް މިރޭ ފައިސާ ޖަމާކޯށްދޭންޖެހޭނެއެވެ. އެކަމާ މިހުންނަނީ ވަރަށް ދެރަވެ ހަނދާނެ ގޮތެއް ނޭނގިފައެވެ. އެއީ މަހުގެ މެދެއްހާ ހިސާބެވެ. އަތުގައި އެއްވެސް ލާރިއެއް ނެތެވެ. އަދި މީހެއްގެ އަތުންވެސް މަސްދެބައިވާއިރުގައި ހޯދުމަކީ ދަތި ކަމެކެވެ. އަދި ފިރިމީހާ އަހަރެން ގެ ގާތުގައި ބުނީ މީހެއްގެ އަތުން ވެސް އެ ފައިސާ ހޯދައި ދިނުމަށެވެ. 

ހުކުރު ދުވަހުގެ ހަވީރު ވަގުތަކީ ފިރިމީހާ އާއި އަހަރެން އާދަވެގެން ތިމާގެ ގޭގެއަށް ދާ ވަޤުތެކެވެ. އެހެން ނަމަވެސް އެދުވަހުގައި އަހަރެން ނުދަމެވެ. ފިރިމީހާ ދިޔައީއެވެ. ދަމުންވެސް ދިޔައީ އެ ފައިސާ ހޯދަން މަސައްކަތް ކޮށްދޭން ބުނެފައެވެ. އަހަރެންނަކަށް ހަނދާނެ ގޮތެއް ނޭނގުނެވެ. އެހެން ކަމުން އެދުވަހު އަސުރު ނަމާދުވަގުތު ވުމުން ނަމާދަށް އެރީމެވެ. އަދި ނަމާދުކޮށްގެން ދުޢާކުރަން ފެށީމެވެ. އެއީ އެފައިސާ ލިބޭނެ ގޮތެއް މިންވަރު ކޮށްދެއްވާތޯއެވެ.

އަހަރެން ދުޢާކޮށް ނިމުނުތަނާ ފޯނެއްއަތުވެއްޖެއެވެ. ބަލައިލިއިރުގައި ފިރިމީހާގެ ކޮއްކޮއެއްގެ އަންހެނުންނެވެ. އޭނާ އަހަރެންގެ ގާތުގައި ބުންޏެވެ. "ބޭބެ މިއަދު ހާދަ ތަފާތެއް މޫނުމަތީގައި ވަރަށް ދެރަވެފައިހުރި ފާޑު ޖަހައެވެ. އަނެއްކާވީ ކީއްހެއްޔެވެ؟ އަހަރެން ވަރަށް ނުބުނަން ހުރެފައިވެސް އެވާހަކަ އޭނާގާތުގައި ބުނީމެވެ. އެވަގުތު އޭނާ ބުންޏެވެ. ދެރަ ވާނެ ކަމެއްނެތެވެ. ބޭބެއަކީ އަހަރެމެން ހާލުގައި އުޅުނުއިރުގައި ވެސް އެންމެ އެހީތެރިވެދިން އެކަކުއެވެ. އަހަރެން އެކަން ދަންނަމެވެ. އަވަހަށް އެކައުންޓް ނަންބަރު ފޮނުވާލާށެވެ. 

އިތުރު ވާހަކަދައްކާނީ ދެން ފަހުންނެވެ. އެވަގުތު ވީ އުފަލުން ރޮވި  ﷲ ޝުކުރު ކުރެވުނެވެ. މާ ބޮޑު މަސައްކަތެއް ނެތި އެކަން ހިތްމަވާދެއްވީތީއެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

(މިވާހަކަ ގެނެސްދީފައިއެވަނީ ކިޔުންތެރިޔާގެ އަމިއްލަ ޢިބާރާތުން، އަމިއްލައަށް ލިޔެ ފޮނުވި ގޮތަށެވެ.)

 

މިއަދު އޮންލައިން