އއ. ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ. މި އިމާރާތް ހުޅުވައިދެއްވީ އަރިއަތޮޅު އުތުރުބުރީއަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އައު އިމާރާތުގައި ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، ގިނަ ޚިދުމަތްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ޢާންމު ޞިއްޙަތުގެ ޚިދުމަތުގެ ޔުނިޓް، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކް، އަދި ގައިން ގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް ހިމެނެއެވެ. މީގެ އިތުރުން މާބަނޑު މީހުންގެ ކްލިނިކް އަދި ކުޑަކުދިންގެ ޞިއްޙަތު ކްލިނިކްވެސް މި އިމާރާތުގައި ޤާއިމުކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމަންދޫގެ ތަރައްޤީއާ ގުޅޭ އިތުރު މަޝްރޫޢުތަކެއްވެސް ވަނީ އިފްތިތާޙުކުރެއްވުމަށް ހަމަޖެހިފައެވެ. މީގެ ތެރޭގައި އެ ރަށުގައި އަޅާ ފުލުހުންގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފެށުން ހިމެނެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިމަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާ ހިމަންދޫއަށް ވަޑައިގެންނެވުމުން އެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.