އއ. ހިމަންދޫ މިސްކިތުގެ 75 އިންސައްތަ މަސައްކަތް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އއ. ހިމަންދޫ މިސްކިތުގެ 75 އިންސައްތަ މަސައްކަތް ނިންމައިފި

ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އއ. ހިމަންދޫގައި ކުރިއަށްގެންދާ އައު މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތުގެ 75 އިންސައްތަ މަސައްކަތް ނިންމައިފިއެވެ.

ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދު ކުރެވޭ ގޮތަށް ބިނާ ކުރާ 300 މީހުންގެ ޖާގައިގެ މި މިސްކިތުގެ އިމާރާތުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާއިރު ކުރިއަށް ހުރީ ކަރަންޓާއި ގުޅޭ މަސައްކަތްތަކާއި މިސްކިތުގެ ދޮރުފަތްތައް ހަރުކުރުމާއި މިސްކިތުގެ ބޭރު ޑިޒައިން ނިންމުމާއި ކުލަލުން ފަދަ ފިނިޝިންގ މަސައްކަތްތަކެވެ. މީގެ އިތުރުން މިސްކިތުގެ މަސައްކަތް އެކީ ނިމިގެންދާއިރު މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރެވިގެންދާނެކަންވެސް ފާހަގަކޮށްލެވެއެވެ.

އެލައިޓް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢު މިއަހަރުގެ ފަހުކޮޅަށް ނިންމުމަށް އަމާޒު ހިފާފައިވާއިރު ދަޢުލަތުން މި މަޝްރޫޢުއަށް މިހާތަނަށް 5.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ހިމަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިސްކިތުގެ މަސައްކަތް ސަރުކާރުން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ ނިމުމުގެ ކުރިން މަސައްކަތް ނިންމާލުންކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން