ލާމަރުކަޒީ ޤާނޫނަށް ސަރުކާރުގެ ފަރާތުން ގެނައި އިސްލާހުތަކަކީ ރަނގަޅު އިސްލާހުތަކެއްކަމަށް އއ. ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢިލް ވިދާޅުވެއްޖެއެވެ.
ހިމަންދޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ކައުންސިލްގެ ރައީސް ހުޝާމް ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމާ ގުޅިގެން ހިމަންދޫ ކައުންސިލުންވެސް އެކަމާ ދެކޮޅަށް ބަޔާނެއް ނެރުނު ނަމަވެސް، އެއީ އޭރު ކައުންސިލުން ކުރަމުންދިޔا ކަންކަން ނުކުރެވޭނެކަމުގެ ބިރު އޮތުމުން ކަމަށެވެ.
"ދައުލަތުން ދޫކުރާ ހިލޭ ފައިސާއިން ހިމަންދޫ ކައުންސިލުންވެސް ކޮންމެ އަހަރަކު ތަޖުރިބާ ދަތުރެއްކުރަން. ސްޓާފުންނަށް މޯޓިވޭޝަން ދަތުރެއްގެ ގޮތުގައި ރާއްޖެ ތެރޭގެ ކޮންމެސް ރަށަކަށް ދަން. އެހެންނަމަވެސް އެބަތިބި އަހަރަކު 4، 5 ފަހަރަށް ތަޖުރިބާ ދަތުރުތައް ކުރާ ކައުންސިލްތައް," ހުޝާމް ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި، ބައެއް ކައުންސިލްތަކުން ސަރުކާރުން ދޭ ބަޖެޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާތީ، މިފަދަ އިސްލާހުތައް ގެންނަން ޖެހުނީއެވެ. އަދި ޙަޤީޤަތުގައި ކައުންސިލްތަކަށް ދީފައިވާ އެއްވެސް ބާރެއް އައު އިސްލާހުން ނިގުޅައެއް ނުގަނެވެއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ހުޝާމް ވިދާޅުވީ، އައު އިސްލާހާއެކު ކައުންސިލްތަކުގެ ދައުރުގެ ތެރެއިން 1 އަހަރު ގެއްލިއްޖެކަމަށް ބަޔަކު ބުންޏަސް، އެކަން ޤަބޫލުނުކުރައްވާ ކަމަށެވެ. އަދި ބެލެނިވެރި އިދާރާއިން ހުއްދަ ނަގައިގެން ކަންކަންކުރުމަކީ އެއީ ބުރައެއްގެ ގޮތުގައިވެސް ނުދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކައުންސިލްތަކުންކުރާ މާލީ ޚަރަދުތައް ހަރުދަނާކޮށް، މާލީ މުޢާމަލާތްތައް މޮނިޓަރކުރުމަށް ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، ބައެއް ކައުންސިލްތަކުން ވަނީ އިސްލާހާ ދެކޮޅަށް އަޑުއުފުލާފައެވެ. ނަމަވެސް ސަރުކާރުން ވަނީ މި އިސްލާހުގެ ސަބަބުން ކައުންސިލްތަކަށް ދީފައިވާ އެއްވެސް ބާރެއް ނިގުޅައިނުގަނެވޭނެކަމަށް ވިދާޅުވެފައެވެ.