ދައުލަތުގެ ވަޒީފާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އުމުރުން 75 އަހަރުވަންދެން ވަޒީފާގައި ދެމިތިބުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. "ރީ-އެމްޕްލޯއިމަންޓްގެ ބިލު" ގެ ނަމުގައި ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ވަޒީފާ އަދާކުރަމުން އަންނަ ފަރާތްތަކަށް އުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތްކުރުމުގެ މަގު ފަހިކޮށްދިނުމާއި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދިނުމުގައި ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމެވެ.
ބިލުގައިވާ ގޮތުން، ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ ދެވޭނީ ދައުލަތުގެ ވަޒީފާގައި މަސައްކަތްކުރަމުންދާ 65 އަހަރާއި 75 އަހަރާ ދެމެދުގެ މުވައްޒަފުންގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް އެދޭ ފަރާތްތަކަށެވެ. މީގެ އިތުރުން، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުގެ 7 އަހަރު ކުރިން ޕެންޝަން ޙައްޤުވާ އުމުރު ހަމަވެ ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށްވެސް މި އުސޫލުގެ ދަށުން ވަޒީފާ ހަމަޖެއްސުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ ދެވޭ ފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށެވެ. އަދި މި އުސޫލުން ވަޒީފާ އަދާކުރާ ފަރާތްތަކަށް 65 އަހަރުވުމުން ދޭ އަސާސީ ޕެންޝަން ނުލިބުނު ނަމަވެސް، ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭންޖެހޭ އެހެނިހެން ޕެންޝަންގެ ފައިސާ ލިބޭނެއެވެ.
ނަމަވެސް މި ބިލު ޤާނޫނަކަށްވުމުން، ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންނާއި ޤާނޫނުއަސާސީއާއި ޤާނޫނުގެ ދަށުން ޢައްޔަންކުރެވޭ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށް މި ޤާނޫނު ނުހިނގާނެކަން ފާހަގަކޮށްފައިވެއެވެ.