އަރިއަތޮޅު އުތުރުބުރީ މާޅޮހުގައި އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފަށްޓަވައިދެއްވައިފިއެވެ. މިއީ އެމަނިކުފާނު އަރިއަތޮޅު އުތުރުބުރީއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދެވުނު ޙަރަކާތެކެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސް މުޢިއްޒުގެ އިންތިޚާބީ ވަޢުދެކެވެ. މި ވަޢުދު ފުއްދުމުގެ ގޮތުން މި އަހަރުގެ ތެރޭގައި 100 ރަށެއްގައި އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ފަށާފައެވެ.
މާޅޮހުގައި ޚިދުމަތް ފެށްޓެވުމަށްފަހު ރައީސް މުޢިއްޒު ވަނީ އަމިއްލަފުޅަށް އޭޓީއެމުން ފައިސާ ނަންގަވައި، އަދި ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ތެރޭގައިވެސް ފައިސާ ނެގުމާއި، ޖަމާކުރުމުގެ އިތުރުން، ބިލްތަކަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމް މެދުވެރިކޮށް ލިބޭނެއެވެ.
މި ޚިދުމަތް ފެށުމާއެކު މާޅޮހުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމެއްކަމަށްވެސް ލަފާކުރެވެއެވެ.