ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު އުތުރުބުރީ ފެރިދޫއަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ފެރިދޫއަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ވަނީ ރައްޔިތުންނާ ބައްދަލުކުރައްވާ، އެ ރަށުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވުމަށްވެސް ހަމަޖެހިފައެވެ. މި މަރުކަޒަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ މުހިންމު މަރުކަޒެއް ކަމުގައި ފާހަގަކުރެވެއެވެ.
ރައީސްގެ ތިން ދުވަހުގެ މި ދަތުރުފުޅުގައި، އަރިއަތޮޅު އުތުރުބުރީގައި މީހުން ދިރިއުޅޭ އަށް ރަށަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ އަދި މާޅޮހަށް ޒިޔާރަތްކުރައްވާނެއެވެ.
އަރިއަތޮޅު އުތުރުބުރިއަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުތަކުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމާއި، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމެވެ.