އއ. ހިމަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ. 27.51 މިލިއަން ރުފިޔާގެ މި މަޝްރޫޢު 390 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަހުމަދު ޝަރީފް ޢަބްދުލް ރަޙުމާން ޔޫސުފެވެ. އަދި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި 29,125.29 ކިއުބިކް މީޓަރުގެ ފަޅު ފުންކުރުމާއި، 168 މީޓަރުގެ ހިލަ ނެރު ޖެހުމާއި، 104 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި، 16 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 58 މީޓަރުގެ ޖެޓީއެއް ހެދުން ހިމެނެއެވެ.
ހިމަންދޫގެ ބަނދަރު ތަރައްޤީކުރެވުމުން، ހުޅަނގު މޫސުމުގައި ބަނދަރު ބޭނުންކުރުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން އުދަ އެރުމާއި، ޑިންގީތައް ލަފައިފުރާނެ ޖާގަ ނުލިބުމުގެ މައްސަލައަށްވެސް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މި މަޝްރޫޢަކީ ރަށުގެ ތަރައްޤީއަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، މި މަސައްކަތް ނިމުމުން ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.