އަރިއަތޮޅު އުތުރުބުރީ މާޅޮހުގައި އޭޓީއެމްގެ ޚިދުމަތް ދޭން ފެށުމާއެކު، އެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ކަމުގައިވާ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން ހާސިލްކުރެވުނު އަނެއް ސަރަޙައްދެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް 8 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ޤާއިމްކޮށް، ޚިދުމަތް ދޭން ފަށާފައެވެ. މިގޮތުން އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފައިވާ އަތޮޅުތަކުގެ ތެރޭގައި ހއ. އަތޮޅާއި، ށ. އަތޮޅާއި، ދ. އަތޮޅާއި، ނ. އަތޮޅާއި، މ. އަތޮޅާއި، ކ. އަތޮޅާއި އަދި ބ. އަތޮޅު ހިމެނެއެވެ.
"މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް" ގެ ނަމުގައި މި މަޝްރޫޢު ފެށިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިންނެވެ. މީގެ ކުރިން އަތޮޅުތަކުގެ ރައްޔިތުން ބޭންކިންގ ޚިދުމަތް ހޯދުމަށް އެ އަތޮޅުގެ ވެރިރަށް ނުވަތަ އެކަމަށް ޚާއްސަކުރެވިފައިވާ ރަށަކަށް ދަތުރުކުރަން ޖެހުމަކީ ބޮޑު ތަކުލީފަކަށް ވެފައިވާކަން ފާހަގަކުރެވެއެވެ.
އަރިއަތޮޅު އުތުރުބުރީ މާޅޮހުގައި އޭޓީއެމްގެ ޚިދުމަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ޚިދުމަތް ފެށުމާއެކު، ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ މަގު ވަނީ ތަނަވަސްވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުންގެ މި ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، އަމިއްލަ ރަށުގައި ހުރެގެން ބޭންކިންގ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައެވެ. މި މަޝްރޫޢުގެ ސަބަބުން އެ ވަޢުދު ފުއްދުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާކަން ފާހަގަކުރެވެއެވެ.