މާޅޮހުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް އިފްތިތާޙުކޮށްދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
މާޅޮހުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް އިފްތިތާޙުކޮށްދެއްވައިފި

އަރިއަތޮޅު އުތުރުބުރީ މާޅޮހުގައި ފެނާއި ނަރުދަމާގެ ޚިދުމަތް މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މާޅޮހަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

މި މަޝްރޫޢަކީ އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރެއިން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަލްޕަތުރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ.

މި މަޝްރޫޢުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ބޯ ހޯލް އެޅުމާއި، ވާރޭ ފެން ރައްކާކުރާ ޓޭންކާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި، އާރްއޯ ޕްލާންޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނެއެވެ. މީގެ އިތުރުން ސޯލާ ޕެނަލްތައް ހަރުކޮށް، އެޑްމިނިސްޓްރޭޝަން ބިލްޑިންގ ވެސް ވަނީ އަޅާފައެވެ.

މަޝްރޫޢުގެ ދަށުން މުޅި ރަށުގައި ފެން ހޮޅި އަޅައި، ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ފެން މީޓަރު ބަހައްޓައިދީފައިވެއެވެ. އަދި ނަރުދަމާގެ ޕަންޕްސްޓޭޝަން ބަހައްޓައި، މުޅި ރަށުގައި ނަރުދަމާ ހޮޅި އަޅައި، ސީ އައުޓް ފޯލް ވެސް ވަނީ އަޅާފައެވެ. ގޭބިސީތަކާއި ނަރުދަމާ ނިޒާމު ގުޅުމަށްޓަކައި ކެޗްޕިޓްތައް ވެސް ވަނީ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓާފައެވެ.

މި މަޝްރޫޢަށް ސަރުކާރުން 49 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި ޚިދުމަތް ލިބުމުން މާޅޮހުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބި، ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން