އަރިއަތޮޅު އުތުރުބުރީ ފެރިދޫ ފުލުހުންގެ މަރުކަޒުގެ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި މަސައްކަތް ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ފުލުހުންގެ މަރުކަޒުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، ޢަލީ އިޙްސާން، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓަރ އަޙުމަދު ސަޢުދީ ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މީގެއިތުރުން ފެރިދޫ ކައުންސިލުގެ ރައީސް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
ފެރިދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢުގެ ދަށުން ފުލުހުންގެ ޚިދުމަތްތައް ފެރިދޫގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޒަމާނީ ވަސީލަތްތަކާއެކު ފުލުހުންގެ މަރުކަޒެއް ޤާއިމްކުރެވިގެންދާނެއެވެ.
މި މަޝްރޫޢަކީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހިންގާ އެއް މަޝްރޫޢެވެ. މި މަރުކަޒު ޤާއިމްކުރެވުމުން އަރިއަތޮޅު އުތުރުބުރީގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.