ފެރިދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް އިފްތިތާޙްކޮށްދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ފެރިދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް އިފްތިތާޙްކޮށްދެއްވައިފި

އއ. ފެރިދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މި ޚިދުމަތް އިފްތިތާޙްކުރެއްވީ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްޞަ ބައްދަލުވުމެއްގައެވެ.

ފެރިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ދަށުން، ރަށުގައި 5.04 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް ޤާއިމްކުރެވިފައިވެއެވެ. މީގެ އިތުރުން 1.07 ކިލޯ މީޓަރުގެ ޕަންޕިން ލައިނެއްވެސް ވަނީ އަޅާފައެވެ.

މި މަޝްރޫޢުގެ ދަށުން ނަރުދަމާގެ އިދާރީ އިމާރާތަކާއި، 3 ޕަންޕިންގ ސްޓޭޝަނާއި، އެއް ސީ އައުޓް ފޯލް ވަނީ ޤާއިމްކުރެވިފައެވެ. އަދި ފެނުގެ ޚިދުމަތަށް ބޭނުންވާ އާރުއޯ އިމާރާތަކާއި، ފެން އުފެއްދުމަށް ބޭނުންވާ ޕްލާންޓްތައް އިންސްޓޯލްކޮށް، ފެން ރައްކާކުރުމަށް 3 ތާނގީވެސް ވަނީ ބަހައްޓާފައެވެ.

ތިމާވެށްޓާ ރައްޓެހި ގޮތެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، މި މަޝްރޫޢުގެ އިމާރާތްތައް ހިންގުމަށް ބޭނުންވާ ކަރަންޓް އުފެއްދުމަށް ސޯލާ ޕެނަލްތައް ވަނީ ހަރުކުރެވިފައެވެ.

މި މަޝްރޫޢު ނިމުމާއެކު، ފެރިދޫގެ ރައްޔިތުންނަށް ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް ލިބި، ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން