އއ.އަތޮޅު މަދަރުސާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން، އެ މަދަރުސާގެ މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމާއި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމަށް ސޮއިކުރެވުނު އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އއ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފެރިދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ރައްޒާން އެވެ.
އއ.އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމާއި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަދަރުސާގެ ދަރިވަރުންނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.