ކޮންމެ އަތޮޅަކުން އެއް ރަށް ޕިކްނިކް ރަށެއްގެ ގޮތުގައި ސަރުކާރުން ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އަލިފުށީ ދާއިރާގެ މަތިވެރި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި މިހާރު ކުރިއަށްދަނީ މިކަމުގެ ދިރާސާ މަސައްކަތްތަކެވެ. އަދި އަމަލީގޮތުން މިމަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރަށްރަށުގެ ރައްޔިތުންނަށް ޕިކްނިކް ދިއުމަށާއި ގެސްޓުން ގެންދިއުމަށް ތަނެއް ނެތުމުގެ ދަތިކަން ދިމާވަމުންދާކަން ފާހަގަކުރައްވައި، މިކަމަށް ހައްލެއް ހޯދައިދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.
"ރަށްރަށުގެ ރައްޔިތުންނަށް ވަރަށް އުނދަގޫ، ފުރުޞަތު ނެތް އާއިލާއާއެކު ޕިކްނިކް ދާނެ ތަނެއް. ގެސްޓުން ގެންދާނެ ތަނެއްވެސް ނެތް. އެހެންވެ ކޮންމެ އަތޮޅަކަށް 1 ރަށް ސަރުކާރުން ތަރައްޤީކޮށްދީ، އެކަމުގެ ދިރާސާތައް އެބަކުރެވޭ. އެ މަސައްކަތް ނިންމާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ރައްޔިތުން ބާރުވެރިކުރުވައި، ޓޫރިޒަމް ކުރިއެރުވުމަށް ކުރެވޭ މަސައްކަތެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް މި ދައުރުގައި ފުރިހަމަކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ކޮންމެ ވަޢުދެއްވީ ވަރަށް ސީރިއަސްކަމާއެކު. މިސަރުކާރުން މަސައްކަތްކުރާނީ ސީރިއަސްކަމާއެކު ވަރަށް ހެޔޮ ނިޔަތުގައި" ރައީސް މުޢިއްޒު ވިދާޅުވިއެވެ. މި މަޝްރޫޢުގެ ތަފްސީލީ މަޢުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރައްވާނެކަމަށް ސަރުކާރުން މަޢުލޫމާތު ދެއްވާފައިވެއެވެ.