އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮންނަ ކައުންސިލެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިފަދައިން ރައީސް ވިދާޅުވެފައިވަނީ އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައެވެ.
ރައީސް ވިދާޅުވެފައިވަނީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮންނަ ކައުންސިލެއް ނޫންކަމަށާއި، އެހެންކަމުން ޤާނޫނު އަސާސީއަށް އިސްލާޙް ގެނެސް އަތޮޅު ކައުންސިލް އުވާލުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަތޮޅު ކައުންސިލް އިންތިޚާބުކުރުމަށް ވޯޓުލާކަށް ނުޖެހޭނެކަމަށްވެސް ވިދާޅުވިއެވެ.
"ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިކަމަށް ހެކި ވާނެ. އެއީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. އެހެންވީމާ ޤާނޫނު އަސާސީ އިސްލާޙްކުރާނަން. އިސްލާޙް ނުކޮށް އަތޮޅު ކައުންސިލް އުވާލުމެއް ނެތް ވާކަށް،" ރައީސް ވިދާޅުވިއެވެ.
އަތޮޅު ކައުންސިލް އުވާލުމުން ރައްޔިތުން އިތުރަށް ބާރުވެރިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ ރަށެއްގެ ރަށު ކައުންސިލުން މަސައްކަތް ކުރާނީ ސީދާ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތަކާ ގުޅިގެންކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ރައްޔިތުންގެ މަޖިލީސް ދެން ހުޅުވޭއިރު އަތޮޅު ކައުންސިލް އުވާލުމަށް ޤާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާޙް ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކައުންސިލްތައް ކުޑަކުރުމަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ އަދަދު މަދުކުރުމަށް ހުށަހަޅާ އިސްލާހުވެސް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.