އަޅުގަނޑަކީވެސް މާލޭގެ ގެއެއްގައި ހުރެ ކިޔަވަން މަސައްކަތްކުރި އަންހެނަކީމެވެ. އެގޭގައި އުޅުމުގެ ތެރޭގައި ދެމަފިރިންގެ ދޮށީ ފިރިހެންދަރިފުޅާއި ލޯބީގެ ގޮތުން ގުޅެވުނެވެ. ދާންނުވާ ހިސާބަށް ކުރިއަށްވެސް ދެވުނެވެ. ނަތީޖާއަކަށްވީ ހާޞިލްކުރަން އައި ޑިގްރީ ޙާޞިލްނުކުރެވި ބަނޑުގައި އޮތް ދަރިފުޅާއިއެކު ރަށަށްދާންޖެހުމެވެ.
އެކަމަކަށް ކަންބޮޑެއްވެސް ނުވަމެވެ. އެކަން އަޅުގަނޑު ބަލައިގަތީ ލިބުނު ފިލާވަޅެއްގެ ގޮތުގައެވެ. ތައުބާވީމެވެ. ހެޔޮލަފާ ޞާލިޙް ދިރިއުޅުމެއް އުޅެމުން އައިމެވެ. ކީއްވެގެންކަން ބުނެދޭކަށް ނުއެނގެއެވެ. ކައިވެންޏެއް ކުރަން ބޭނުމެއް ނުވެވުނެވެ. ކައިވެންޏަށް މީހުން އެދުނެވެ. ނަމަވެސް ކުރެވުނީ އިންކާރެވެ.
ދަރިފުޅު ގްރޭޑް 8 އަށް ބަދަލުވި އަހަރެވެ. ދަރިފުޅު ގޮވައިގެން މާލެއައިމެވެ. އެއީ ދޮށީ ބޭބެ ބުނެގެން ބޭބެގާތުގައި ދެމައިން ތިބޭށެވެ. އަޅުގަނޑުގެ ދަރިފުޅަކީ ތަޢްލީމަށް މޮޅު ކުއްޖަކަށްވާތީ ބޭބެ އެކަންކޮށްދޭން ބޭނުންވީއެވެ.
ދަރިފުޅަށް ޖާގަލިބުނީ އަމީނިއްޔާ ސްކޫލުންނެވެ. ސްކޫލް ނިމުމުން ދަރިފުޅު ގޮވައިގެން ހިނގާފައި އައިސް ގެއަށް ވަންނަން އުޅުނުތަނާ ފިރިހެނަކު ސަލާމްގޮވާފައި މަޑުކޮށްލަދޭން ބުނީމާ ފުރަތަމަ ގަތީ ބިރެވެ. އެކަމަކު އަަހރުތަކެއް ފަހުންނަމަވެސް އެއިވުނު އަޑުގެ ސަބަބުން ފިނިވެގެން ދިއައެވެ.
ދެމައިންނަށް އެކުގައިހެން އެނބުރި އޭނާއަށް ބަލައިލެވުނެވެ. "ސޮފީ؟" ޖަވާބުގައި ރޮވުނީއެވެ. އެހިސާބުން ދަރިފުޅު ގާތުގައި ގެއަށް ވަންނަން ބުނީމެވެ. އެކަމަށް ހުރަސްއެޅީ އޭނާއެވެ. ދަރިފުޅުގެ އަތުގައި ހިފައި ހުއްޓުވިއެވެ.
"މިއަތުން ދޫކުރާނީ މިދަރިފުޅުގެ ބައްޕަ ދެއްކީމަ!" ކަމަށް ބުނުމުން ދޭނެ ޖަވާބަކަށް ވިސްނައިލީމެވެ. ދޮގުހަދައި އޮޅުވާލަން ހިތަށް އެރިއެވެ. ނަމަވެސް އެކަން ކުރާނެ ހިތްވަރެއް ނުލިބުނެވެ. ބުނީމެވެ "ދަރިފުޅުގެ އަތުގައި ހިފައިގެން ތިއަހުރި މީހާ ނޫން އެހެން މީހެއް ނޫނެވެ!" އެެހން ބުނެވުމާއިއެކު އޭނާއަށްވެސް ރޮވިއްޖެއެވެ.
3 މީހުން އެކުގައި ގެއަށް ވަދެ ސިޓިންގ ރޫމްގައި ތިބެގެން މާޒީ ކިޔައިދިނީމެވެ. އޭނާވެސް ބުނީ ކައިވެނި ނުކުރެވި މިހުރެވުނީ ކީއްވެގެންކަން ނުއެނގޭ ކަމަށެވެ. ސަބަބެއް އޮތް ނަމަ އެސަބަބަކީ އަޅުގަނޑު އެއިރު މާލެއިން ފުރަމުން ދެމީހުން އެކުގައި އެޅި ކަރުނަތައް ކަމަށެވެ.
އޭނާ ބުނީ ދަރިފުޅު ފެނުނު ފުރަތަމަ ވަޤުތުވެސް އެއީ އޭނާގެ ދަރިފުޅުކަން ޔަޤީންކުރެވުނު ކަމަށާއި ފަހަތުން އައީ އެކަން ވަރަށް ބޮޑަށް ޔަޤީންވާތީ ކަމަށެވެ. ބިރުން ފަސްޖެހެވިފައި ހުރީ އަޅުގަނޑުގެ ފިރިއަކު ހުރެދާނެތީ ކަމަށެވެ.
ހަމަ އެދުވަހު އޭނާގެ ބައްޕަގެ ގެއިން އޭނާއަށް ލިބިފައިވާ ފްލެޓަށް ބަދަލުކުރިއެވެ. 3 ވަނަ ދުވަހު ކައިވެނިކުރީއެވެ. އެކައިންވެންޏަށް މިހާރު 8 އަހަރުވީއެވެ. އިތުރު މޭވާވެސް އަޅައިފިއެވެ.
އަޅުގަނޑުގެ މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ މިއަދުނޫހުގައި ކުރިއަށް ގެންދާ "ޢިބްރަތްތެރި ވާހަކަ" ސީރީޒްގައި ލޯތްބާއިމެދު ލިޔެވިފައި ހުންނަ ވާހަކަތައް ކިޔާތީ އެވާހަކަތަކުން ހިތްވަރު ލިބިގެންނެވެ. ބުނެލަން ބޭނުންވަނީ ލޯބިވުމުގެ ނަމުގައި ޑްރާމާ ކުޅޭ ބައަކު އުޅުމަކީ ލޯބީގެ ޙަޤީޤީ އަގަށް އުނިކަމެއް އަންނާނެ ކަމެއް ނޫންކަން ދެމަފިރިންނަށްވެސް މިވަނީ ތަޖުރިބާކުރެވިފައި ކަމަށެވެ.
- ސޮފީ ނާޒް / މިއަދުނޫހުގެ ކިޔުންތެރިއެއް
-- ޢިބްރަތްތެރި ވާހަކަ