ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް އއ. ބޮޑުފޮޅުދޫއިން މިއަދު ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ރަށަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ނުކުމެ ތިބިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ބޮޑުފޮޅުދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.
ބޮޑުފޮޅުދޫގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އެރަށުގެ ހޭންޑްބޯލް ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފެއްޓެވުންވެސް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި، އެ އަތޮޅުގައި މީހުން ދިރިއުޅޭ އަށް ރަށަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން ބޮޑުފޮޅުދޫއަށްފަހު އެމަނިކުފާނު ވަޑައިގަންނަވާނީ ތޮއްޑޫ، ރަސްދޫ އަދި އުކުޅަހަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަޑުއެއްސެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.