ޝަރުތު ހަމަވާ އަމިއްލަ މީޑިއާތަކަށް މިއަހަރު 1 ޕޭމަންޓުގެ ގޮތުގައި ފައިސާ ދިނުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޝަރުތު ހަމަވާ އަމިއްލަ މީޑިއާތަކަށް މިއަހަރު 1 ޕޭމަންޓުގެ ގޮތުގައި ފައިސާ ދިނުމަށް ނިންމައިފި

"މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުޞޫލު"ގެ ދަށުން ޝަރުތު ހަމަވާ އަމިއްލަ މީޑިއާތަކަށް މިއަހަރު އެއް ޕޭމަންޓުގެ ގޮތުގައި ފައިސާ ދޫކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މި އުޞޫލުގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާ ފިޔަވައި އެހެން ހުރިހާ މީޑިއާތަކަށް ކުރިމަތިލެވޭނެއެވެ. މި އެހީ ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން ޕޭމަންޓަކަށް ބަހާލައިގެންނެވެ.

މާލީ އެހީ ހޯދުމަށް ކުރިމަތިލާ މީޑިއާތަކުގައި ހުންނަންޖެހޭ އެންމެ މުހިންމު ޝަރުތުތަކުގެ ތެރޭގައި، ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކަށްވުމާއި، ބްރޯޑްކާސްޓް މީޑިއާއެއްނަމަ ލައިސަންސް އޮތުން ހިމެނެއެވެ. އަދި މެދުނުކެނޑި ތިން އަހަރު ދުވަހުގެ ޚިދުމަތުގެ ރެކޯޑެއް އޮންނަންވާނެއެވެ.

އުޞޫލުގެ ފަސްވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިތުރު ޝަރުތުތަކުގެ ތެރޭގައި، އާންމުންނަށް މުޢާމަލާތުކުރެވޭނެ ގޮތެއް އޮތުމާއި، މީޑިއާގެ ކޯޑް އޮފް އެތިކްސް އާއި ކޮންޑަކްޓް ޝާއިޢުކޮށްފައި އޮތުމާއި، ޓެކްސް އަދި ޕެންޝަން ސްކީމްގެ ޒިންމާތައް އަދާކުރަމުންދިޔުން ހިމެނެއެވެ. އަދި މުވައްޒަފުންގެ މުސާރައިގެ މުޢާމަލާތްތައް ބޭންކް މެދުވެރިކޮށް ކުރިއަށްގެންދަންވާނެއެވެ.

މި އެހީއަށް އެދި ހުށަހެޅުމަށްޓަކައި އޮންލައިން ޕޯޓަލްއެއް ޤާއިމުކުރެވިފައިވެއެވެ. މި ޕޯޓަލް މެދުވެރިކޮށް ޕްރޮޕޯޒަލް ހުށަހެޅުމުން ވަގުތީ ޕޮއިންޓް ފެންނަން ހުންނާނެއެވެ. އަދި ޕްރޮޕޯޒަލްއާ ގުޅޭގޮތުން އިތުރު ކަންކަން ފާހަގަކުރުމާއި، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް މި ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެއެވެ.

އެއް މީޑިއާއަށްވުރެ ގިނަ މީޑިއާ ހިންގާ ފަރާތްތަކަށް، ކޮންމެ ބާވަތަކުން އެއް މީޑިއާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެކަން އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

މިއަދު އޮންލައިން