ރައީސް ތޮއްޑޫއަށް ވަޑައިގެންނެވުމުން ހޫނުމަރުހަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ރައީސް ތޮއްޑޫއަށް ވަޑައިގެންނެވުމުން ހޫނުމަރުހަބާއެއް ދަންނަވައިފި

އއ. ތޮއްޑޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަޑައިގެންނެވުމުން، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުން އެމަނިކުފާނަށް ހޫނުމަރުހަބާއެއް ދަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ޖަމާވެފައިވެއެވެ.

އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މީގެއިތުރުން ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ތޮއްޑޫގައި ޤާއިމުކުރި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމާއެކު، ބޭންކް އޮފް މޯލްޑިވްސްގެ ތޮއްޑޫ ބްރާންޗާއި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަނުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އަދި ހަމައެހެންމެ، އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާގެ އިމާރާތުގެ ބިންގާ އެޅުމާއި، ތަރައްޤީކުރާ ބެޑްމިންޓަން ކޯޓުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެއިތުރުން ތޮއްޑޫގައި ބާއްވާ ޓޭބަލް ޓެނިސް އިންޓަނޭޝަނަލް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅަށް ކުރައްވާ ތިން ދުވަހުގެ މި ދަތުރުފުޅުގައި، އަރިއަތޮޅު އުތުރުބުރީގައި މީހުން ދިރިއުޅޭ އަށް ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ތޮއްޑޫއަށްފަހު އެމަނިކުފާނު ވަޑައިގަންނަވާނީ ރަސްދޫއާއި އުކުޅަހަށެވެ.

މިއަދު އޮންލައިން