މިއަންނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ހޭންޑްބޯޅަ ކޯޓު އެޅުމުގެ މަޝްރޫއު ހިމަނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ އަރިއަތޮޅު އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އއ. މަތިވެރީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މަތިވެރީގައި ކުރިޔަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އެ މަޝްރޫއު ދާދި އަވަހަށް އަޅުގަނޑުމެން ކުންފުންޏަކާ ހަވާލުކޮށް، ކުރިޔަށް އޮތް އެންމެ ގިނަވެގެންވެސް ދެ މަސްތެރޭގައި އަޅުގަނޑުމެންނަށް މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ހޭންޑްބޯޅަ ކޯޓު އެޅުމުގެ މަޝްރޫއަކީ ޒުވާނުންނަށް އަމާޒުކޮށްގެން ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ފުޅާ މަޝްރޫއެއްގެ ބައެކެވެ.