އއ. ތޮއްޑޫގައި ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.
ތޮއްޑޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ ޑިސެންބަރު މަހު އެރަށަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެކެވެ. އެ ވައުދު ފުއްދަވައި، 8 މަސްދުވަސް ފަހުން މިއަދު ވަނީ އެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.
އަރިއަތޮޅު އުތުރުބުރީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތޮއްޑޫއަށް ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމުގެ ގޮތުން އަމަލީގޮތުން އޭޓީއެމުން ފައިސާ ނަންގަވާފައެވެ. މީގެއިތުރުން މި ދަތުރުފުޅުގައި ބީއެމްއެލް ތޮއްޑޫ ބްރާންޗްގެ ބިންގާވެސް ވަނީ އަޅުއްވާފައެވެ. ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރާއި، ބީއެމްއެލްގެ ސީއީއޯ އަދި ތޮއްޑޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ޤާއިމްކުރުމަށް ސަރުކާރުން ނިންމެވި މައިގަނޑު ސަބަބަކީ، އެރަށަކީ ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ، އަދި އެ ދާއިރާއަށް އިސްކަންދޭ ރަށަކަށްވުމެވެ. ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތްތަނުގައިވެސް ތޮއްޑޫއަށް ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާނެތީ، ރަށުގައި ތިބެގެން ރައްޔިތުންނަށް ޑޮލަރު ނެގޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ މުހިންމު ކަމެކެވެ.
މި ޚިދުމަތް ފެށުމާއެކު ތޮއްޑޫގެ ރައްޔިތުންނަށާއި، އެރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ލިބޭނެ މަގު ތަނަވަސްވެގެން ދާނެއެވެ.