އއ.ތޮއްޑޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުސީސީއާއެވެ.
ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ބާވެ ވީރާނާވެފައިވާ ކައުންސިލް ޢިމާރާތްތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު، މި ދައުރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގައި ކައުންސިލް ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 55 ކައުންސިލް އިމާރާތުގެ މަސައްކަތް 631 މިލިއަން ރުފިޔާއަށް އާރުސީސީއާ ހަވާލުކޮށްފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ ކައުންސިލް އިދާރާތަކުގައި ގޯތީގެ ވަށާފާރު ރޭނުމާއި، އޮފީހަށް ބޭނުންވާ ފަރުނީޗަރުވެސް ހިމެނޭނެއެވެ. މި މަޝްރޫޢަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށްގެންދާ މަޝްރޫޢެއް ކަމަށްވާއިރު، މި މަޝްރޫޢުގެ ލެޓަރ އޮފް އެކްސްޗޭންޖްގައި ދެ ޤައުމުގެ މެދުގައި ސޮއިކޮށްފައިވަނީ މިދިޔަ މެއި މަހުގައެވެ.