ރޯގާއާއި ކެއްސުމަށް، އާއްމުގޮތެއްގައި ކުޑަކުދިންނަށް ދޭ ބޭހެއްކަމަށްވާ "ކޯފްސީ" ސިރަޕުގައި ކޮލިޓީ މައްސަލަތަކެއް ތަކުރާރުކޮށް ފާހަގަކުރެވިފައިވާތީ އެބޭސް ރާއްޖެއަށް އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު އެލާރޓެއްގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ މާކެޓުގައި ލިބެންހުންނަ ބޭހަކީ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސްކަން ކަށަވަރުކުރުމަށް އެ އޮތޯރިޓީން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. މިގޮތުން ކޮލިޓީ ބެލުމަށް ކުރިއަށްގެންދިޔަ، ބޭހުގެ މާކެޓް ސަރވައިލެންސްގެ ތެރެއިން "ކޯފްސީ" ސިރަޕުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފައިވެއެވެ.
މި މައްސަލަ ފާހަގަކުރެވުމާ ގުޅިގެން މި މަހުގެ 20 އިން ފެށިގެން "ކޯފްސީ" ސިރަޕް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. އަދި މިހާރު ފާމަސީތަކުގައި މި ބޭސް ހުރިނަމަ، ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ މަސައްކަތް ކުރުމަށް ބޭހުގެ ވިޔަފާރިކުރާ ފަރާތްތަކަށް އަންގާފައިވެއެވެ.
އެމްއެފްޑީއޭއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި ބޭސް ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް އެއްވެސް މީހަކަށް ސިއްޙީ ގޮތުން މައްސަލައެއް ކުރިމަތިވެފައި ނުވާކަމަށާއި، އެފަދަ އެއްވެސް ރިޕޯޓެއް އެ އޮތޯރިޓީއަށް ލިބިފައިނުވެއެވެ.