އއ. ތޮއްޑޫގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތޮއްޑޫއަށް ވަޑައިގެންނެވުމަށްފަހުގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވަޒީރު އަބްދުﷲ މުއްތަލިބު ބައިވެރިވެ ވަޑައިގެންނެވިއެވެ.
އިމާރާތްކުރުމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ނަރުދަމާގެ ޕަންޕްސްޓޭޝަން ބެހެއްޓުމާއި، މުޅި ރަށުގައި ނަރުދަމާ ހޮޅި އެޅުމާއި، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން ގޭބީސީތަކާއި ނަރުދަމާ ނިޒާމު ގުޅުމަށްޓަކައި ކެޗްޕިޓް ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓާފައިވެއެވެ.
އއ. ތޮއްޑޫގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމަކީ އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރެއިން ހިންގާފައިވާ މަޝްރޫޢެކެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ ކަލްޕަތުރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑާއެވެ.
29.7 މިލިޔަން ރުފިޔާގެ އަގުގައި ނިންމާފައިވާ މި މަޝްރޫޢުގެ ސަބަބުން ތޮއްޑޫގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެއެވެ.