ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު "ތޮއްޑޫ މާސްޓަރސް ޓޭބަލްޓެނިސް މުބާރާތް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ. އެ މަނިކުފާނު މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ތޮއްޑޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
މި ރަސްމިއްޔާތުގައި ތޮއްޑޫ ސްކޫލްގެ ދަރިވަރުންގެ ޚާއްޞަ ސަގާފީ އައިޓަމެއް ހުށައަޅައިދީފައިވެއެވެ. އަދި ރަސްމިއްޔާތުގައި މި މުބާރާތް ރޭވުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އެކިއެކި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވާފައިވެއެވެ. މީގެ އިތުރުން މި ޖަލްސާގައި ޝުކުރުގެ ޚާއްޞަ އެވޯޑެއް އެމްބެސެޑަރ އަޙްމަދު ލަތީފަށް އަރުވާފައިވެއެވެ.
"ތޮއްޑޫ މާސްޓަރސް ޓޭބަލްޓެނިސް މުބާރާތް" ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. މިއީ ތޮއްޑޫގައި ބައިނަލްއަޤްވާމީ މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި ޤައުމީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ވަނަތައް ހޯދާފައިވާ އެކިއެކި ކުޅުންތެރިންގެ މޮޅު ކުޅުން ފެނިގެންދާނެއެވެ.
މީގެއިތުރުން ތޮއްޑޫގައި އަލަށް ގާއިމުކުރާ ބެޑްމިންޓަން ކޯޓުގެ ބިންގާ ވެސް މިއަދު ވަނީ އަޅައިފައެވެ.
މިކޯޓުގެ ބިންގާ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މިކޯޓުގެ މަސައްކަތް ހަވާލުކޮށްފަވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.
ރައީސް ވަނީ ކުޅިވަރުގެ ދާއިރާއިން ތޮއްޑުއަށް ގިނަ ތަރައްގީތަކެއް ގެނެސްދެއްވާނެކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ. މިގޮތުން އއ. ތޮއްޑޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށާއި ފުޓްބޯޅަ ދަނޑު ރޭގަނޑު ބޭނުން ކުރެވޭގޮތަށް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނުވަނީ ދެއްވާފައެވެ.
މީގެ އިތުރުން ތޮއްޑޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްގީކޮށްދެއްވާ އެރަށަކީވެސް ކުޅިވަރު ވަސީލަތްތައް ލިބެންހުރި ރަށަކަށް ހައްދަވާދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނުވަނީ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.