ރައީސުލްޖުމްހޫރިއްޔާ އއ. ރަސްދޫއަށް މިއަދު ވަޑައިގެންނެވުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ނުކުމެ ހޫނުމަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ރަސްދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ރައްޔިތުންނާވެސް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރަސްދޫގައި އަލަށް އިމާރާތްކުރެވޭ ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވުމުގެ އިތުރުން، އއ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވުމާއި، އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސް ޚިދުމަތް ފަށްޓަވައިދެއްވުންވެސް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި، އެ އަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށަކަށް ޒިޔާރަތްކުރައްވާނެއެވެ. ރަސްދޫއަށްފަހު އެމަނިކުފާނު ދެން ވަޑައިގަންނަވާނީ އުކުޅަހަށެވެ.