އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިއަތޮޅު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރަސްދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް، އާރުސީސީ އާއެވެ.
މި މަޝްރޫޢަކީ ސަރުކާރުން ކުރިއަށްގެންދާ ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތަކުގެ ޢިމާރާތްތައް ތަރައްގީކުރުމުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ޕްރޮގްރާމުގެ ދަށުން ސަރުކާރުން ވަނީ ގިނަ ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ އައު އިމާރާތްތައް އެޅުމުގެ މަސައްކަތް ފަށާފައެވެ.
ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރުމެވެ. މިއީ ރާއްޖޭގެ ރަށްރަށުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.