އއ. ރަސްދޫގައި ޕާސްޕޯޓް އަދި އައިޑީ ކާޑުގެ ޚިދުމަތް ދޭން މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފަށައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. މި ޚިދުމަތް ރަސްދޫގައި ފެށުމާއެކު، އެ އަތޮޅުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނެފައިވާ ގޮތުގައި، އއ. އަތޮޅު ކައުންސިލުގައި މި ޚިދުމަތް ފެށުމާއެކު، އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެއެވެ.
މި ޚިދުމަތް ފެށުމާއެކު، އެ ސަރަހައްދުގެ ރައްޔިތުންނަށް މާލެ އައުމަކާ ނުލައި އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ލިބިގެންދާނެއެވެ. މިއީ ސަރުކާރުން ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެކެވެ.