މާފުށި، ތުލުސްދޫ، މަހިބަދޫ އަދި ހަންޏާމީދޫގެ ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމްކުރުމަށް ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
މާފުށި، ތުލުސްދޫ، މަހިބަދޫ އަދި ހަންޏާމީދޫގެ ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމްކުރުމަށް ހަވާލުކޮށްފި

ކ. މާފުށި، ކ. ތުލުސްދޫ، އދ. މަހިބަދޫ އަދި އދ. ހަންޏާމީދޫގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމްކުރުމުގެ މަސައްކަތް ދިވެހި މިއަދު 3 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭ.ޑީ.ބީ)ގެ ހިލޭ އެހީއާއި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހަރުދަނާ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކުރުމެވެ.

ކ. ތުލުސްދޫ އަދި ކ. މާފުށީގެ މަސައްކަތް 5.8 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ވީ އަވަރ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. އދ. މަހިބަދޫގެ މަސައްކަތް 4.2 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ސަނީ ލޭންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި އދ. ހަންޏާމީދޫގެ މަސައްކަތް 4.6 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ އެލީޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ.

ސާފުރާއްޖެ ބިލްޑިންގގައި ބޭއްވުނު ރަސްމިއްޔާތުގައި ތިމާވެށްޓާބެހޭ ވުޒާރާގެ ފަރާތުން ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް އެއްބަސްވުންތަކުގައި ސޮއިކުރެއްވިއެވެ. އަދި ކުންފުނިތަކުގެ ފަރާތުން އެ ކުންފުނިތަކުގެ އިސްވެރިން ސޮއިކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރުވެސް ވަނީ މި ރަށްރަށުގެ ކައުންސިލްތަކާ ކުނި މެނޭޖްކުރުމަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްތައް ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ރަށުތެރޭގައި ކުނި އުފުލުމަށް ބޭނުންކުރާ ވެހިކަލްގެ އިތުރުން ދަޅުފިއްތާ މެޝިނާއި ވުޑް ޗިޕަރ ހިމެނެއެވެ. މި މަސައްކަތްތައް ނިމުމުން މި ރަށްރަށުގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުވެގެންދާނެއެވެ.

މިއަދު އޮންލައިން