އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖާގައިގެ ދަތިކަމަށް ހައްލުކުރުމަށް 3 ބުރީގެ އިމާރާތެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖާގައިގެ ދަތިކަމަށް ހައްލުކުރުމަށް 3 ބުރީގެ އިމާރާތެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެ މަރުކަޒުގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 3 ބުރީގެ އިމާރާތް އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތް އެޅުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ރަސްދޫގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މި މަޝްރޫޢަކީ ރަސްދޫއަށް ކޮންމެހެން ބޭނުންވެފައިވާ މުހިންމު މަޝްރޫޢެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރެވޭ އައު ޢިމާރާތުގައި ކޮމްޕިއުޓަރ ލެބަކާއި، ޕްރެޔަރ ރޫމްއެއް އަދި ލައިބްރަރީއެއްވެސް ޤާއިމްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރު ހިނގަމުންދާ މަޝްރޫޢުގެ އިތުރަށް، ރަށަށް ކޮންމެހެން ބޭނުންވާ އެއް މަޝްރޫޢު މިއީ، ސްކޫލް މަޝްރޫޢު. މި މަޝްރޫޢުގެ ތެރެއިން ސްކިލް ލެބަރ، ކޮމްޕިއުޓަރ ލެބް، ޕްރެޔަރ ރޫމް އަދި ލައިބްރަރީ ހިމެނިގެންދާނެ. އެހެންވީމާ މި ވަސީލަތްތައް ސްކޫލަށް އިތުރުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

މި އައު އިމާރާތް އެޅުމުން އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، ދަރިވަރުންނަށް ތަޢުލީމު އުނގެނުމަށް މިހާރަށްވުރެ ފަހި މާހައުލެއް ޤާއިމްވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން