އަރިއަތޮޅު އުތުރުބުރީ ރަސްދޫގައި ޤާއިމްކުރެވޭ 50 އެނދުގެ އައު ހޮސްޕިޓަލް އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މުހިންމު މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ. އަދި މި އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ސިއްޙީ ވަޒީރު ވިދާޅުވީ، "މި މަޝްރޫޢުގެ ދަށުން 50 އެނދުގެ ފުރިހަމަ ހޮސްޕިޓަލެއް އެޅުމަށް ވަނީ ހަމަޖެހިފައި" ކަމަށެވެ.
އއ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް ނިމުމުން އެ ސަރަޙައްދުގެ ރައްޔިތުންނަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދެވޭނެއެވެ. އަދި މިއީ އެ ސަރަޙައްދުގެ ސިއްޙީ ދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.