އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަސްމީކޮށް ފަށްޓަވައިދެއްވާފައެވެ. މި ޚިދުމަތް ފަށްޓަވައިދެއްވީ އެމަނިކުފާނު މިހާރު އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ރަސްދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޑަޔަލިސިސް ސެންޓަރެއް ޤާއިމްކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވަޢުދެކެވެ. މި ވަޢުދުފުޅުގެ ދަށުން އއ. އަތޮޅުގައި ޑަޔަލިސިސްގެ ޚިދުމަތް ފެށިގެން ދިޔުމަކީ އެ ވަޢުދު ފުއްދުމަށް އެޅުނު އިތުރު ފިޔަވަޅެކެވެ.
ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި އއ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމާއެކު، ރަސްދޫއާއި އަދި މުޅި އަތޮޅުގެ ރައްޔިތުންނަށް ވެސް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ ކުރިން މި ޚިދުމަތް ހޯދުމަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ކުރިމަތިވަމުންދިޔا ދަތިތަކަށް ޙައްލެއް ލިބިގެންދާނެއެވެ.
އަތޮޅު ހޮސްޕިޓަލުގައި މި ޚިދުމަތް ފެށުމާއެކު، ޑަޔަލިސިސްގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވަމުންދިޔަ އިޤްތިޞާދީ އަދި އިޖްތިމާޢީ ގިނަ ގޮންޖެހުންތަކަށް ޙައްލު ލިބި، އެ ފަރާތްތަކުގެ ދިރިއުޅުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.