ސަލްޓަން ޕާކު އަލުން ތަރައްޤީކުރުމަށް 3 މަސް ދުވަހަށް ބަންދުކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ސަލްޓަން ޕާކު އަލުން ތަރައްޤީކުރުމަށް 3 މަސް ދުވަހަށް ބަންދުކޮށްފި

ސަލްޓަން ޕާކު އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމާ ގުޅިގެން، މިއަދުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަށް އެ ޕާކު ބަންދުކޮށްފައި ވާކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ފެބްރުއަރީ މަހު ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިޢުލާނު ކުރެއްވި މަޝްރޫޢެކެވެ. ރައީސް އޭރު ވިދާޅުވެފައިވަނީ މި މަޝްރޫޢު ނިންމުމަށް ލަފާކުރެވެނީ ހައެއްކަ މަސްދުވަހުގެ ތެރޭގައި ކަމަށެވެ.

އަލުން ތަރައްޤީކުރެވޭ ސަލްޓަން ޕާކުގައި ދިވެހިންގެ އައިޑެންޓިޓީއާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ޒުވާނުންނާއި ކުޑަކުދިންނަށް ޝަޢުގުވެރިކަމާއެކު އެކިކަންކަން ދަސްވާނެ ފަދަ ވަސީލަތްތައް ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން، ކުޑަކުދިންނާއި އާއިލާތަކަށް ހިތްގައިމު ވަގުތު ހޭދަކުރެވޭނެ ގޮތަށް އެކި ވަސީލަތްތައް ޤާއިމުކުރެވޭނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ.

މި މަޝްރޫޢުގެ މަޤްޞަދަކީ މާލޭގެ ޢިއްޒުއްދީން ފާލަން ސަރަހައްދާއި ޖުމްހޫރީ މައިދާން ހިމެނޭހެން މުޅި ސަރަހައްދުގެ ހިތްފަސޭހަކަން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މި މަޝްރޫޢުގެ ދަށުން ކުޅިވަރުގެ އިތުރު ވަސީލަތްތަކާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އާ ގޮތްތަކެއް ތަޢާރަފުކުރެވޭނެއެވެ.

 

މިއަދު އޮންލައިން