އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފި

އއ. އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް ޤާއިމްކުރުމުގެ މަޝްރޫޢު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އުކުޅަހު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އުކުޅަހު ސްކޫލުގައި އައު އޮފީސް އިމާރާތެއް ޤާއިމްކުރެވިގެންދިއުމަކީ އެރަށަށް ނުހަނު ބޭނުންވެފައިވާ ކަމެއްކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

"އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް އެޅުމަށް މިރޭ ސޮއިކުރެވިގެންދިޔަ އެއްބަސްވުމަކީވެސް މި ރަށަށް ވަރަށް ބޭނުންތެރި މަޝްރޫޢެއް، މި މަޝްރޫޢު ނިމުމާއެކު، ތަޢުލީމީ ކަންކަމަށް، ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް، އަދި ވަކިން ޚާއްސަކޮށް ޓީޗަރުންނާއި، ސްކޫލުގެ އެންމެހައި މުވައްޒަފުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރައްޒާންއެވެ.

މި އިމާރާތް އެޅުމުގެ މަޝްރޫޢު ނިމުމުން އުކުޅަހު ސްކޫލުގެ އިދާރީ މަސައްކަތްތައް ހަރުދަނާވެ، ތަޢުލީމީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން