އަޅުގަނޑުވެސް ކައިވެނިކުރީ ވަރަށް ހަގު އުމުރުގައެވެ. ހަމަ އެންމެ 20 އަހަރުގައެވެ. ކިޔަވަމުންނެވެ. ކިޔަވައި ނިމި ދާއިމީ ވަޒީފާއެއް ލިބުނީ ޢުމުރުން 23 އަހަރުގައެވެ. މިކިޔައިދެނީ ކައިވެންޏަށް 5 ވަނަ އަހަރު ކަންކަން ވެގެން ދިއަ ގޮތެވެ.
އެއީ ހޯމަ ދުވަހެކެވެ. ރޯދައަށް ހުރުމާއިއެކު ތަންކޮޅެއް އަވަހަށް ގެއަށް ދިއައިމެވެ. ގޭގައި ކުރާނެ މަސައްކަތް ހިފައިގެންނެވެ. އެއިރުން އަނެއް ދުވަހު ކުރަންޖެހޭ މަސައްކަތް ކުރަން އުނދަގޫ ނުވާނެވަރު ޔަޤީންކޮށްގެންނެވެ.
ގޭގެ ސިޓިންގރޫމްގައި އަޅުގަނޑު މަސައްކަތްކުރާ މޭޒެއް ހުންނާނެއެވެ. ގެއަށް ވަދެ މޭޒުގައި ލެޕްޓޮޕް ބާއްވާފައި ހިނގައިގަތްތަނާ މޭޒުދޮށުން އަޑެއް އިވިގެން ބަލައިލިއިރު އަވަށްޓެރިޔާގެ އަނބިމީހާއެވެ. ގައިގައި އޮތީ ހަމައެކަނި ޖަނގިޔާކޮޅެވެ.
ބަލައިލިއިރު އޭނާގެ ހެދުން ސޯފާގައި އޮއްވާ ފެނުމުން ގެންގޮސްދީފައި އަޢުރަ ނިވާކުރަން ބުނީމެވެ. ފިރިމީހާ މަތީބުރިން ފޭބީ އޭނާ ހެދުން ލައި ނިމުނު ފަހުންނެވެ. އެމީހުންނާ އެއްވެސް ވާހަކައެއް ނުދައްކަމެވެ. އަވަށްޓެރިޔާއަށް ގުޅާފައި ވަރަށް އަވަހަށް އައިސްދިނުމަށް އެދުނީއެވެ.
އޭނާ އައުމުން ވީގޮތް ކިޔައިދިނީމެވެ. ދެމީހުން ކަމެއް ކުރަނިކޮށް ނުފެންނަކަމަށާއި ނަމަވެސް މޭޒުދޮށުގައި އިންގޮތް ކިޔައިދީފައި ބުނީމެވެ. "ކަލޭގެ އަނބިމީހާއާމެދު ކަންކަން ކުރަންވީ ގޮތް އެނގޭނީ ކަލެއަށެވެ. އަހަރެންގެ ފިރިމީހާއަށް އޮތީ ވަރިކޮށްފައި ގެއިން ނުކުތުމެވެ. ވަރިނުކޮށްފިނަމަ ކޯޓަށް ގޮސްގެން ވަރިވާނަމެވެ. ނުނުކުމެއްޖެނަމަ ފުލުހުން ގެނުވައިގެން ނެރޭނަމެވެ. މާފަށް އެދޭނެވެސް ކަމެއް ނެތެވެ. ދެމީހުންނަށްވެސް މާފުކޮށްފީމެވެ. އެކަމަކު މިނިޓަކަށްވެސް އިތުރަށް އެކުގައި އުޅުމެއް ނެތެވެ."
އެހިސާބުން ފިރިމީހާ ވަރަށް ގިނަ ބަހަނާތައް ދެއްކިއެވެ. ޑްރާމާތައް ކުޅެން އުޅުނެވެ. އެއިން އެއްވެސް ކަމެއް ބަލައިނުގަތީމާ ގެއިން ނުކުމެގެންދިއައީ ވަރިނުކޮށެވެ. ވަރިވާންޖެހުނީ ކޯޓަށް ގޮސްގެންނެވެ. ޢިއްދަ ހަމަވިތަނާ އެއްދުވަހު ހަވީރު އަވަށްޓެރިޔާ އައިސް ބުންޏެވެ. "މިއައީ ކުޑައިރު އެކުގައި ކުޅެންއުޅުނުއިރު ކިޔުނު އެއްޗެތި ހަނދާންކޮށްދޭކަށް އެކަންޏެއް ނޫނެވެ. އެވާހަކަތައް ހަޤީޤަތަކަށް ހަދަން ބޭނުންވާތީއެވެ."
އޭނާ އެހަނދާންކޮށްދިނީ އެކުގައި ކުޅެންއުޅުނުއިރު އަހަރެމެންނަކީ ދެމަފިރިންކަމަށް ހެދިގެން ކުޅެއުޅުނު ކަމެވެ. ކޮންމެއަކަސް އެދުވަހުން ފެށިގެން އެކުވެރިކަމުގެ ގުޅުން ލޯތްބަށް ބަދަލުވެ ދެމީހުން ކައިވެނިކުރީއެވެ. އެކައިވެނީގައި މިހާރު 20 އަހަރުވީއެވެ. ދަރިން ފައްޗެއް ލިބިއްޖެއެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ ވަރަށް އުފަލުގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ފަހުން ކޮންމެ ގޮތެއް ދިމާވިނަމަވެސް ބޭވަފާތެރިއެއްކަން ޔަޤީންވުމުން އެކުގައި ދިރިއުޅުން ނިންމައިލާށެވެ! ދަތިޙާލުގައިވެސް ޖެހިދާނެއެވެ. ތަކްލީފްތައްވެސް އުފުލަން ޖެހިދާނެއެވެ. ނަމަވެސް ފިރިމީހާ ދެވަނަ ފަހަރަށް ބޭވަފާތެރިވުމުން އުފުލަންޖެހޭނެ ވަރުގެ ބޮޑު ތަކްލީފެއް އުފުލާކަށް ނުޖެހޭނެއެވެ. އެވަރުގެ ބޮޑު ހިތްދަތިކަމެއްވެސް ނުލިބޭނެއެވެ. އިން ޝާ ﷲ މިއީ އަޅުގަނޑުގެ ވިސްނުމެވެ.
- ޝާމިލާ / މިއަދުނޫހުގެ ކިޔުންތެރިއެއް