ޢިބްރަތްތެރި ވާހަކަ: ލޯބިވެރިޔާއާ ބައްދަލުވުމުގެ އުންމީދުގަ އޭނާގެ މައިންބަފައިންނަށް 4 އަހަރުވަންދެން ނޯކިރީކޮށްދީގެން މަޤްޞަދު ޙާޞިލުކުރި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ޢިބްރަތްތެރި ވާހަކަ: ލޯބިވެރިޔާއާ ބައްދަލުވުމުގެ އުންމީދުގަ އޭނާގެ މައިންބަފައިންނަށް 4 އަހަރުވަންދެން ނޯކިރީކޮށްދީގެން މަޤްޞަދު ޙާޞިލުކުރި އަންހެނެއްގެ ވާހަކަ-

އެއީ ސްކޫލްގައި އެކުގައި އުޅުނު ދެކުދިންނެވެ. މިހާރުގެ އާދައިގެމަތިން ގްރޭޑް 12 ނިންމިއިރު އެއީ ދެލޯބިވެރިންނެވެ. 12 ނިމުމުން ފިރިހެންކުއްޖާގެ މައިންބަފައިން އެމީހުންގެ ދަރިފުޅު މަތީތައްލީމަށް ފޮނުވީ މެލޭސިޔާއަށެވެ. އަނަހެން ކުއްޖާއަށް ޖެހުނީ އެނބުރި ރަށަށްދާށެވެ.  

އަންހެން ކުއްޖާ ރަށުގައި ދުވަސްކޮޅަކު ހުރެފައި އެކުވެރިއަކާއިއެކު މާލެ އައި ދަތުރެއްގައި ކްލާސް ކުއްޖެގެ ކިބައިން ލިބުނު އެހީތެރިކަމާއިއެކު ލޯބިވެރިޔާގެ ގެއިން ނޯކަރެއްގެ ވަޒީފާ ހޯދައިގެން އެގޭގައި މަސައްކަތްކުރަން ފެށިއެވެ. ގޭގެ މީހުންނަށް އޭނާގެ މަސައްކަތް ވަރަށް ކަމުދެއެވެ.  

5 އަހަރުފަހެވެ. ޒުވާނާ ކިޔަވައިގެން އައިސް ބައްޕަގެ މަސައްކަތުގައި އުޅެންފެށިއެވެ. އެއްގޭގައި އުޅުނަސް ދެމީހުން ބައްދަލެއް ނުވިއެވެ. ނޯކަރުން ގޭތެރޭގައި ނުއުޅޭތީއެވެ. އެކަމަކު ލޯބިވެރިޔާ އަތުވެއްޖެކަން އެނގުމުން ކޮންމެ ދުވަހަކުވެސް އޭނާއަށް އެންމެ މީރުވާނެ އެއްޗެއް ކައްކައެވެ.  

ޒުވާނާއަށް މާޒީހަނދާންވާން ފެށިއެވެ. ދެމީހުން ލޯބިވެގެން އެކުގައި އުޅުނުއިރު ކާއެއްޗެއްސާއިބެހޭ ގޮތުން ދެއްކިފައިވާ ވާހަކަތައް ހަނދާންވާން ފެށިއެވެ. ކެތްނުކުރެވިގެން އެންމެފަހުން އެއްރޭ ކާން ތިބެފައި އެއެއްޗެތި ކައްކަނީ ކާކުތޯ މަންމައާއި ސުވާލުކުރުމުން ތެދުވެގެން ގޮސް ކައްކާ މީހާ މޭޒުކައިރިއަށް ގެނެސް ދެއްކިއެވެ.  

އެވަޤުތު އަންހެން ކުއްޖާއަށް ރޮވުނެވެ. ކަރުނަ ތިކިތައް މޫނަށް އޮހުނެވެ. ޒުވާނާގެ މޫނުމަތިން ދައުހިއްލަން ފެށިއެވެ. މަންމައަށް ބުނެވުނެވެ. "ބަލަ ތިއަވަނީ ކިހިނަކުން ހެއްޔެވެ؟ ޒުބައިދާއަށް ރޮވި ކަރުނަ ތިކިތައް މޫނަށް އޮހެނީއެވެ. ދަރިފުޅުގެ މޫނުން ދައުހިއްލައި ދައުތިކިތައް އޮހެނީއެވެ. މަންމަ ހަމަ ހައިރާންވެއްޖައީމެވެ. ދެކުދިން ކުރިން ދަންނަމު ހެއްޔެވެ؟"  

ޒުބައިދާ ލަދުން އިސްދަށަށް ޖަހައިގެން ހިނގައިގަތުމުން މަންމަ އޭނާ ހުއްޓުވިއެވެ. އަދި ހެމުން "ސްޓޯރީ" ކިޔައިދޭން ބުންޏެވެ. ވާހަކަ ދެއްކީ ޒުވާނާއެވެ. ލަދުގަތުމެއް ނެތި ޒުބައިދާއަކީ ކާކުކަން ކިޔައިދިނުމުން މަންމަ ބުންޏެވެ. "އެނގިގެން ނަމަވެސް ނުވަތަ ނުއެނގިނަމަވެސް މިކުރެވުނީ ރަނގަޅުކަމެއްތާއެވެ. ޒުބައިދާ މިގޭގައި އެހުންނަނީ ހަމަ އަހުރެމެންގެ ދަރިއެއްގެ ގޮތުގައެވެ. ރޯނެ ކަމެއް ނެތެވެ. ދައު އޮހޮރާނެ ކަމެއްވެސް ނެތެވެ. ރީތި ގޮތުގައި ދެކުދިން ކުރިއަށްދާށެވެ. މަންމަމެން ދަރިފުޅަށް ހޯދައިދޭން ބޭނުންވަނީ ތަނަވަސް ޤަދަރުވެރި އަންހެނެއް ނޫނެވެ. ދަރިފުޅާއި މަންމަމެންދެކެ ލޯބިން މިގޭގައި އުޅޭނެ އަންހެނެކެވެ."  

ދެމީހުންގެ ކައިވެނިކުރެވި މިހާރު 12 ވަރަކަށް އަހަރުވެދާނެއެވެ. ދިރިއުޅެމުން އަންނަނީ ވަރަށް އުފަލުގައެވެ.  

މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ހުށަހަޅައިލީ ތެދުވެރި ލޯބީގެ ހުޅުކޮޅުގެ ބާރުހުންނަވަރު ބުނެލުމަށެވެ. ލޯބި ދެމިހުންނަނީ އެލޯބި ތާހިރުކުރިވަރަކުންކަމާއި ލޯބީގައި ޤުރްބާންވާންޖެހޭކަންވެސް ބުނެލުމަށެވެ. ޒުބައިދާއަކީ ރަށެއްގެ ކުއްޖެއް ނަމަވެސް ގޭގޭގައި ނޯކިރީ ކުރަންޖެހޭ ފެންވަރުގެ ކުއްޖެއް ނޫނެވެ. އެގޭގައި ނޯކިރީ އެކުރީ މަޤްޞަދު ޙާޞިލުކުރެވޭނެ ކަމުގެ ޔަޤީންކަންވެސް ނެތިއެވެ. ލޯބީގެ ބާރުގައެވެ.  

ދެން ބުނެލަން އޮތީ ޒުވާނާގެ މައިންބަފައިން އެހައި ފަސޭހައިން ކައިވެންޏަށް ރުހުނު ސަބަބެވެ. އަޅުގަނޑު ބުނާނީ އެއީ ޒުބައިދާ ވީޤުރްބާނުގައި ބަރަކާތް ލެއްވެވުމުން މެދުވެރިވި ގޮތެއް ކަމަށެވެ. ސިއްރު ނުއެނގުނަސް ބޭރަށް ފެންނަން އެއޮތީ އެކަމެވެ.

 

- ޒުބައިދާގެ އެކުވެރިއެއް / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން