އުކުޅަހުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އުކުޅަހުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އއ. އުކުޅަހުގައި އައު ބްރާންޗެއް ހުޅުވައި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ބްރާންޗަކީ ބީއެމްއެލް އިސްލާމިކް ބްރާންޗެއް ކަމުގައިވާއިރު، މި ބްރާންޗުން ބޭންކިންގގެ އެންމެހައި ޚިދުމަތްތައް ލިބެން ހުންނާނެއެވެ.

އުކުޅަހުގައި ތަރައްޤީކޮށްފައިވާ ބްރާންޗު އަދި އޭޓީއެމް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިއީ އެމަނިކުފާނު އއ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ކަމެކެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

ޑޮލަރު އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭޓީއެމުން ރަމްޒީކޮށް ފައިސާ ނަންގަވާފައެވެ. އަދި މި މުނާސަބަތުގައި އުކުޅަހު ކައުންސިލަށް ހާއްސަ ހަނދާނީ ފިލައެއް ހަވާލުކުރެއްވިއެވެ. މި ހަނދާނީ ފިލާ ކައުންސިލުގެ ފަރާތުން ބަލައިގަތީ އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމެވެ.

އުކުޅަހުގައި މީގެ ކުރިން ހުރި ރުފިޔާ އޭޓީއެމްގެ އިތުރުން މިހާރު ޤާއިމްކޮށްފައިވާ ޑޮލަރު އޭޓީއެމްއަކީވެސް 24 ގަޑިއިރު ޚިދުމަތް ލިބޭގޮތަށް ހުންނާނެ އޭޓީއެމްއެކެވެ. މި އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބެން ހުންނާނެއެވެ. މިއީ އުކުޅަހުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެކެވެ.

މިއަދު އޮންލައިން